ޚަބަރު

ގުޅުން ބަދަހިކުރެއްވުމަށް ބައިޑަންނާއި ސީސީއާ ބައްދަލުކުރައްވައިފި


އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އަލްސީސީއާ ބައްދަލު ކުރައްވައިފިއެވެ. މިއީ މި ދެ ބޭފުޅުންގެ ފުރަތަމަ ބައްދަލު ކުރެއްވުމެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރި ކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފަލަސްތީނުގެ ޞުލްޙައިގެ މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ގޮތުން ވެސް ބައިޑަންއާއި ސީސީ މަޝްވަރާ ކުރެއްވި ކަމަށް މިޞްރުން ބުނެއެވެ. ބައިޑަންގެ ރިޔާސަތުގެ ފުރަތަމަ ދުވަސްކޮޅު މިޞްރާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. ސަބަބަކީ، މިޞްރުގައި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރަން ކުރާ މަސައްކަތްތަކާ މެދު ބައިޑަން ހިތްހަމަ ނުޖެހުމެވެ.

ނަމަވެސް، 2021 ވަނަ އަހަރު އިސްރާޢީލުން ޢައްޒާގައި ހިންގަމުން ދިޔަ އުދުވާންތައް ހުއްޓުވުމުގައި މިޞްރުން އަދާ ކުރި ދައުރާ ގުޅިގެން އެމެރިކާއާއި މިޞްރާ ދެމެދު އޮތް ގުޅުންތައް ކޮންމެ ވެސް ވަރަކަށް ވަނީ ރަނގަޅު ވެފައެވެ. އަދި، އެއަށްފަހު ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ފުޅާ ކުރުމަށް މަޝްވަރާތައް ފެށިއެވެ.

ބައިޑަންއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ސީސީވަނީ އިތިޔޯޕިޔާއިން ނީލަ ކޯރުގައި ޤާއިމުކޮށްފައިވާ ގްރޭންޑް އިތިޔޯޕިއަން ރެނޮސޯންސް ޑޭމް (ޖީ.އީ.އާރް.ޑީ)އާ ގުޅިގެން އުފެދިފައިވާ ނުތަނަސްވަން ހައްލު ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައެވެ. މިޞްރުގައި ބޭނުން ކުރާ ފެނުގެ 90 އިންސައްތަ ލިބެނީ އެ ކޯރުންނެވެ. އެހެންކަމުން، އެ ޑޭމްގެ ސަބަބުން މިޞްރަށް ސާފު ފެން ލިބުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެ ޤައުމުން ޤަބޫލު ކުރެއެވެ.