ޚަބަރު

އިސްރާއީލުގެ މުސްލިމުންނަށް ޙައްޖަށް ދިޔުމަށް ލުއިފަސޭހަވަނީ


އިސްރާއީލުގެ އާބާދީގެ ބޮޑު އިންސައްތައަކީ ޔަހޫދީންނެވެ. ނަމަވެސް، ދުނިޔޭގެ އެހެން ކޮންމެ ޤައުމެކޭ ވެސް އެއް ފަދައިން، އެ ޤައުމުގައި ވެސް މުސްލިމުންގެ ކުޑަ ނަމަވެސް އާބާދިއެއް ދިރިއުޅެއެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަކީ އެ މީހުންނަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ، ތަކުލީފު ބޮޑު ދަތުރެކެވެ.

ސަބަބަކީ، އިސްރާއީލަކީ ސަޢޫދީ ޢަރަބިއްޔާއިން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ޤައުމެއް ނޫނެވެ. އަދި، އެ ޤައުމާ އެއްކޮށް ރަސްމީ ގޮތުން ދޭދޭ ގުޅުންތައް ޤާއިމުކޮށްފައި ނެތުމެވެ. ނަމަވެސް، އެ މަންޒަރު ބަދަލުވުގެ ކޮޅުމަތި މިހާރު މި ވަނީ ފެންނަން ފަށާފައެވެ. ސަޢޫދީ ޢަރަބިއްޔާއިން މިދިޔަ އަހަރު ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދު ހުރަސްކޮށް އިސްރާއީލުގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓުތަކަށް ދަތުރު ކުރުމުގެ ޚާއްޞަ ހުއްދައެއް ދީފައެވެ.

އަދި، ހުސްވި ހަފުތާ ބަންދުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅާ ވިދިގެން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ފަސިންޖަރުން އުފުލާ ހުރިހާ އެއަރލައިންތަކަށް ވެސް އެ ޤައުމުގެ ވައިގެ ސަރަޙައްދު ހުރަސް ކުރުމުގެ ފުރުޞަތު ހުޅުވައިލާފައެވެ. މީގެ ތެރޭގައި އިސްރާއީލުގެ އެއަރލައިންތައް ވެސް ހިމެނެއެވެ. އަދި، ކުރިއަށް އޮތް ތަނުގައި އިސްރާއީލުގެ ޗާޓަރު މަތިންދާބޯޓުތަކަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ތައްޔާރު ވަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

''އިސްރާއީލުގެ މުސްލިމުންނަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވާން އަންނަ އަހަރު ބެން ގޫރިއަން (ތެލްއަވީވު ކައިރީގައި އޮންނަ އެއަރޕޯޓެއް) އިން ފުރައިގެން ސީދާ ޖިއްދާއަށް ދަތުރު ކުރެވޭނެ ކަމަށް ޤަބޫލު ކުރެވޭ،“ އިސްރާއީލުގެ ސަރަޙައްދީ ގުޅުންތަކާ ބެހޭ ވަޒީރު އިސާވީ ފްރޭއީ ވިދާޅުވިއެވެ.

ނަމަވެސް، ސަޢޫދީ ސަރުކާރުން މި ކަން ރަސްމީކޮށް އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އިސްރާއީލުގެ މުސްލިމުންނަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު ސަޢޫދީ ޢަރަބިއްޔާއިން މިހާރު ވެސް ދެއެވެ. ނަމަވެސް، އެ މީހުން ޖިއްދާއަށް ދަތުރު ކުރަން ޖެހެނީ ފުރަތަމަ އެހެން ޤައުމެއް ދަތުރު ކުރުމަށް ފަހުއެވެ. މިއީ، ހަފުތާއެއްގެ މައްޗަށް ގާތްގަނޑަކަށް 11,500 ޑޮލަރު ޚަރަދުވާ ދަތުރެއް ކަމުގައި އިސްރާޢީލުން ބުނެއެވެ.

އިސްރާއީލާކީ ދަޢުލަތެއްގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާއިން ޤަބޫލު ކުރާނީ، ފަލަސްތީނުގެ މުސްލިމުންގެ ޙައްޤު ބިމުގައި އެ މީހުންގެ ދަޢުލަތެއް ޤާއިމުކޮށް، މިނިވަންކަމާއި ޞުލްޙަވެރިކަމާއެކު ދިރިއުޅުމުގެ ފުރުޞަތު އިސްރާއީލުގެ އިސްތިއުމާރީ ބާރުން ދިން ދުވަހަކުން ކަމުގައި ޤާބޫލު ކުރެވެއެވެ.