ޚަބަރު

މޫސުން ގޯސް، މިއަދުވެސް މުޅި ރާއްޖެއަށް ހުދު ސަމާލު!


މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު، ނެރެފިއެވެ. އިއްޔެވެސް ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.

ހުދު ސަމާލު ނެރެފައިވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށެވެ. ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 08:45އިން ފެށިހެން މެންދުރު 14:45އާއި ހަމައަށެވެ.

މިއަދު އާއްމުގޮތެއްގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ 19 މޭލާއި 24 މެލާ ދެމެދުވެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ވައިގަދަވެ ރާއްޖޭގެ ހުރިހާ ހިސާބުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެއެވެ. އަދި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. ރާޅުތަކުގެ އުސްމިން ހުންނާނީ 3 ފޫޓާ 6 ފޫޓާ ދެމެދުގައިކަމަށްވެސް މެޓް އޮފީހުން ލާފާކުރެއެވެ.

މެޓް އޮފީހުންވަނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކޮށްފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވިއްސާރަކޮށްފައިވެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާވެސް ކުރިމަތިވިއެވެ.

މިއަދާހަމައަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑްކޮށްފައިވަނީ އއ.ތޮއްޑޫއަށެވެ. ތޮއްޑުއަށް 147.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާލެ ސަރަޙައްދަށެވެ. އެގޮތުން ހުޅުލެއަށް 139.4 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރެކޮޑްކޮށްފައިވެއެވެ.

ވިއްސާރަވެ މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފާ ކަމާ ގުޅުންހުރި ފަރާތްތަކުން ކޮށްފައިވެއެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލްވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އެގޮތުން ވިއްސާރަވެ ފެންބޮޑުވެދާނެކަމަށް ސަމާލްވުމާ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލްވުމަށް އިލްތިމާސްކުރެއެވެ.