ޚަބަރު

"ދަ ޓްރާންސްޕޯޓާ" ގެ ހިންދީ ރީމޭކެއް ހަދަނީ


ހޮލީވުޑްގެ ތަރި ޖޭސަން ސްޓެތަމް ލީޑް ރޯލުން ފެނުނު ކާމިޔާބު ފިލްމު "ދަ ޓްރާންސްޕޯޓާ" ގެ ހިންދީ ރީމޭކެއް އުފައްދަން ނިންމައިފިއެވެ.

2002 ވަނަ އަހަރު ސިނަމާތުކަގައި އެޅުވި މި ފިލްމުގެ ހިންދީ ރީމޭކެއް އުފެއްދުމުގެ ރައިޓްސް ގަނެފައިވަނީ ބޮލީވުޑް ޕްރޮޑިއުސަރު ވިޝާލް ރާނާއެވެ. އޭނާ ވަނީ މީގެ ރައިޓްސް ހޯދުމަށް ފަހު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރަށް ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ، ޑައިރެކްޓްކުރަން ވެސް ހުށަހަޅައިފައެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ޢަލީ ވަނީ ބޮލީވުޑްގެ ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓުކޮށްފައެވެ. 2016 ވަނަ އަހަރު ދެއްކި "ސުލްތާން"، 2017 ވަނަ އަހަރު ދެއްކި "ޓައިގާ ޒިންދާ ހޭ" އަދި 2019 ވަނަ އަހަރު ދެއްކި "ބާރަތް" އަކީވެސް އަލީގެ މި ލިސްޓުގައި ހިމެނޭ ފިލްމުތަކެވެ.

އަންނަ އަހަރު ޑިސެމްބަރުމަހު ތެރޭގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ބަޅޭ މިޔާން ޗޯޓޭ މިޔާން" ވެސް ޑައިރެކްޓުކުރަނީ އަލީއެވެ. މީގެ ލީޑްރޯލުން ފެންނާނީ ޝާހިދު ކަޕޫރާއި އަކްޝޭ ކުމާރެވެ.

ކޯރީ ޔުއެން އާއި ލުއީ ލެޓެރިއާ ޑައިރެކްޓްކޮށް ގެނެސްދިން "ދަ ޓްރާންސްޕޯޓާ" ގެ ކާމިޔާބީއާ ގުޅިގެން އޭގެ އިތުރު ބައިތަކެއް ވެސް ގެނެސްދިނެވެ. އެއީ 2005 ވަނަ އަހަރު ދެއްކި "ދަ ޓްރާންސްޕޯޓާ 2" އާއި 2008 ވަނަ އަހަރު ދެއްކި "ދަ ޓްރާންސްޕޯޓާ 3" ގެ އިތުރުން 2015 ވަނަ އަހަރު ދެއްކި "ދަ ޓްރާންސްޕޯޓާ ރިފިއުލްޑް" އެވެ.