ޔޫކްރެއިންގެ އަމާޒުތަކަށް ދެމުންދާ ހަމަލާތައް އެތައް ގުނައަކަށް ވަރުގަދަ ކުރަން ރަޝިޔާގެ ދިފާޢީ ވުޒާރާއިން އެ ޤައުމުގެ އަސްކަރިއްޔާއަށް އަންގައިފިއެވެ. މި އަމުރު ނެރެފައި ވަނީ އެ ޤައުމުގެ ދިފާޢީ ވަޒީރު ސަރްގެއި ޝޮއިގޫއެވެ. ޔޫކްރެއިންގައި ހިންގަމުންދާ އުދުވާންތައް އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމަކީ، ރަޝިޔާގެ ހަމަލާތަކުގެ ދިފާޢުގައި ޔޫކްރެއިން ސިފައިން ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ގެނައުން ކަމުގައި ޝޮއިގޫ ވިދާޅުވިއެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި، އެ ޤައުމުގެ އިރުމަތީގައިވާ ދޮންބެސް ރީޖަންގެ ގިނަ ސަރަޙައްދުތަކަކަށް ވަނީ އަތްގަދަ ކޮށްފައެވެ. މީގެ ތެރޭގައި ދޮންބެސްގެ މައި ދެ ސަރަޙައްދުކަމުގައިވާ ދޮނެޓްސްކާއި ލުހާންސްކް ހިމެނެއެވެ. ޝޮއިގޫގެ އައު އަމުރާއެކު، ހަނގުރާމަ ހިނގަމުންދާ ސަރަޙައްދާ ދުރުގައި އޮތް ރަށްތަކަށް ރަޝިޔާ ސިފައިން މިހާރު މި ވަނީ ބަރު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދޭން ފަށާފައެވެ. އަދި މި ހަނގުރާމައިގައި މަރުވަމުންދާ މީހުންގެ އަދަދު ވެސް މި ވަނީ އިތުރުވާން ފަށާފައެވެ. ފާއިތުވި ތިން ދުވަހުގެ ތެރޭގައި ރަޝިޔާގެ މިސައިލާއި ރޮކެޓް ހަމަލާތަކުގައި މަރުވެފައިވާ ޢާންމުންގެ އަދަދު ވަނީ 40 އަށްވުރެ މައްޗަށް އަރާފައެވެ.
ރަޝިޔާ ސިފައިން ޚާކީވަށް ދިން މިސައިލް ހަމަލާތަކެއްގައި ޢާންމުންގެ ތިން މީހުން މަރުވިއެވެ. މީގެ ތެރޭގައި އުމުރުން 70 އަހަރުގެ އަންހެނެއް ހިމެނޭއިރު، އިތުރު ތިން މީހަކު ވަނީ ޒަޚަމްވެފައެވެ. ޔޫކްރެއިނުގެ ދެކުނުގައިވާ ޑްނީޕްރޯއަށް ރަޝިޔާ ސިފައިން ވަނީ 50 އަށްވުރެ ގިނަ މިސައިލް ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި ޢާންމުންގެ ތިން މީހުން މަރުވިއެވެ. އަދި، 15 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.
ވެރިރަށް ކީވްއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ވިނިޓްސިޔާއަށް ރަޝިޔާ ސިފައިން ވަނީ ކްރޫޒް މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ޢާންމުންގެ 23 މީހުން މަރުވިއެވެ. މީގެ ތެރޭގައި އުމުރުން ހަތަރު އަހަރުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް ވެސް ހިމެނެއެވެ. އެ ކުއްޖާގެ ނަމަކީ ލީޒާއެވެ. ވިނިޓްސިޔާއަށް ދިން ހަމަލާއަކީ، ޔޫކްރެއިނުގެ ވައިގެ ސިފައިންގެ ކޮމާންޑަރުން ބައްދަލުވުމެއް ބާއްވަމުން ދިޔަ ޢިމާރާތަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.
ރަޝިޔާގެ ހަމަލާތައް ވަރުގަދަ ކުރަމުންދާ މި ދަނޑިވަޅުގައި، ޔޫކްރެއިން ދިފާޢު ކުރުމަށް ހަނގުރާމަ ކުރަމުންދާ އެ ޤައުމުގެ ސިފައިންގެ ހަމަލާތައް ވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. މި ކަމުގައި ހުޅަނގުގެ ޤައުމުތަކުން ދަނީ ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހުޅަނގުން ފޮނުވި މިސައިލާއި ރޮކެޓް ސިސްޓަމްތައް ބޭނުންކޮށްގެން ޔޫކްރެއިން ސިފައިން ދަނީ ރަޝިޔާއިން އަތްގަދަކޮށްފައިވާ ސަރަޙައްދުތަކުގައި ތިބި އެ ޤައުމުގެ ސިފައިންނަށް ހަމަލާދެމުންނެވެ.
ނަމަވެސް، މި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެވެ. އ.ދ.އިން އިސްނަގައިގެން ތުރުކީ ވިލާތުގެ އިސްތަންބޫލުގައި ބާއްވަމުންދާ މަޝްވަރާތަކުގައި ރަޝިޔާއާއި ޔޫކްރެއިންގެ އަސްކަރީ އިސްވެރިން ބައިވެރިވެއެވެ.
މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ތުރުކީ ވިލާތުން ބުނީ، މި ފެށޭ ހަފުތާގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށް، ޔޫކްރެއިންގެ ބަނދަރުތަކުގައި ބަންދުވެފައިވާ ގޮވާމުގެ ޝިޕްމަންޓުތައް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.