ކުޅިވަރު

އެނބުރި އައި މެޗުން ނިއު ރޭޑިއަންޓަށްވެސް މޮޅެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުލަބު ޓީނޭޖް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެނބުރި އައުން މޮޅަކުން ފާހަގަކޮށްފިއެވެ.

މީގެ ކުރިން އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓުން ފާއިތުވި 1،324 ދުވަހުގެ ތެރޭ ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. އަދި މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިވެހި ޕްރިމިއާ ލީގުގައި ފ. ނިލަންދޫ އަތުން މޮޅުުވި ފަހުން، ރަސްމީ މެޗެއްގައި ނިއު ރޭޑިއަންޓް މޮޅުވި ފުރަތަމަ ފަހަރެވެ.

މާފަންނު ޓާފް ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް ދޭއްގައި ހިމެނޭ ނިއު ރޭޑިއަންޓް މޮޅުވީ ޓީނޭޖް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ނިއު ރޭޑިއަންޓުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 14 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް ކޯފޫ އޮވޫސޫއެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ޓީނޭޖުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އަލީ އަފީފީއެވެ. ނަމަވެސް މެޗުގެ 72 ވަނަ މިނެޓުގައި އޮވޫސޫ ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުން ނިއު ރޭޑިއަންޓް މޮޅުކޮށްދީފައެވެ.

ޓީނޭޖް ބަލިކޮށް ނިއު ރޭޑިއަންޓުން އެ ޓީމުގެ އެނބުރި އައުން މޮޅަކުން ފާހަގަކުރިއިރު، ހުކުރު ދުވަހުގެރޭ ބީޖީ ސްޕޯޓްސް ކުލަބު ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކުލަބުންވެސް ވަނީ އެ ޓީމުގެ އެނބުރި އައުން މޮޅަކުން ފާހަގަކޮށްފައެވެ.

މި ފަހަރުގެ ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ ހިމެނެނީ އެއް ގްރޫޕެއްގައެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައެވެ. އެ މެޗުން ނިއު ރޭޑިއަންޓް ވަނީ 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޖުމްލަ 16 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ މާފަންނު ޓާފް ދަނޑުގެ އިތުރުން ގައުމީ ފުޓްބޯޅަ ދަނޑާއި ވިލިމާލޭގައި ދާދިފަހުން ހުޅުވި ޓާފް ދަނޑުގައެވެ.

މުބާރާތް ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.