އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ކުލަބު ވެލެންސިއާ ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ކުރީކޮޅު ދަ ގްރާންޑޭއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ އިސްމާޢީލް މަފާޒް އިބްރާހީމް ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އެ ޓީމުގެ ހޫގޯ ނިކޮލަސް ފޮނުވާލި ހަމަލާއެއް ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް މަތަކުރިއިރު، މަފާޒުގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން އެރި ޔޫސުފް އުމެއިރު މުޙައްމަދު، މެޗުގެ 28 ވަނަ ނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވެލެންސިއާއިން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އޭރިއާ ތެރެއިންދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް އީސާ (މެސީ) އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ދަ ގްރާންޑޭއަށް ވަނީ ނަތީޖާ އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެގޮތުން އޭރިއާ ތެރެއިން ވެލެންސިއާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން އެ ޓީމަށް ޕެނަލްޓީއެއް ދިން ނަމަވެސް، ހޫގޯ ފޮނުވާލި ޕެނަލްޓީ ގޯލްކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.
މިއީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ފައިސަލް މަތަކުރި ދެވަނަ ޕެނަލްޓީއެވެ. އެގޮތުން އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ފައިސަލް ވަނީ ޕެނަލްޓީއެއް މަތަކޮށްފައެވެ.
އޭގެ ފަހުންވެސް މި މެޗުގައި ދަ ގްރާންޑޭއިން މޮޅު ކުޅުމެއް ދައްކައި، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ހަމަލާތަކުގެ ހުރަހަކަށްވީ ވެލެންސިއާގެ ގޯލްކީޕަރު ފައިސަލެވެ.
މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް ވެލެންސިއާ ޖެހިލީ ކުޅުނު 18 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. މި ވަގުތު ތާވަލުގެ ފަސްވަނައިގައި އޮތް ކުލަބު ގްރީން ސްޓްރީޓްސް އާއި ހަވަނައިގައި އޮތް ޔޫވީއަށް ވަނީ 17 މެޗުން 23 ޕޮއިންޓް ލިބިފައެވެ. އަދި ރެލިގޭޝަނުގައި ކުޅެނ ޖެހިފައވާ ދަ ގްރާންޑޭ އޮތީ ތާވަލުގެ ފުލުގައި އެންމެ ޕޮއިންޓަކާއެކުއެވެ.