އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން ކުރާ މަސައްކަތްތައް ނާކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއިން އެއްބަސްވެއްޖެއެވެ. ދެ ޤައުމުން މި ކަމަށް އެއްބަސްވެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދެ ޤައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާނަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރުޞަތު ނުދިނުމަކީ، އެ ސަރަޙައްދުގެ ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ރަނގަޅު މަގު ކަމުގައެވެ. އަދި، އެ ސަރަޙައްދުގެ އެހެން ޤައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް އީރާނުން ބާރާއި ނުފޫޒު ފޯރުވުން ހުއްޓުވުމަށް މަސައްކަތް ކުރުމާއި، ޓެރަރިސްޓު ޖަމާޢަތްތަކަށް ހިތްވަރު ދިނުން ހުއްޓުވުމަށް ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.
ދެ ހަތުރުން ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް 2016 ވަނަ އަހަރު ވަނީ އެއްކޮށް ކަނޑައިލާފައެވެ. އަދި، ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ދެ ޤައުމުން ވެސް ދަނީ އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދެމުންނެވެ. ސަޢޫދީ ޢަރަބިއްޔާއިން ވާގިވެރިވެދެނީ ޔަމަނުގެ ސަރުކާރަށެވެ. އަދި، އީރާނުން ދަނީ ސަރުކާރާ ދެކޮޅު ހޫތީ ހަނގުރާމަވެރިންނަށް އެއްބާރުލުން ދެމުންނެވެ.
2015 ވަނަ އަހަރު އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު ހަނިކުރުމާ ގުޅޭ ގޮތުން ދުނިޔޭގެ ބާރުތަކާ އެކު އެއްބަސްވުމެއް އެކުލަވައިލާފައެވެ. ހުޅަނގުން ބޭނުންވަނީ އީރާނަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރުޞަތު ނުދިނުމަށެވެ. ނަމަވެސް، އީރާނުން ބުނަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ މަދަނީ ބޭނުންތަކަށް ހަކަތަ އުފެއްދުން ކަމުގައެވެ. މި އެއްބަސްވުން، އުވައިލާފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރުގައެވެ.
އީރާނުގެ މައްސަލައިގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ގޮތުން އެހީތެރިވެދިނުމަށް ވެސް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.