ކުޅިވަރު

ޑެންމާކުގެ ތަރި އެރިކްސަން ޔުނައިޓެޑަށް


ޑެންމާކްގެ ތަޖްރިބާކާރު ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

މިދިޔަ ސީޒަންގެ ފަހު ބައިގާ ބްރެންޓްފަޑް އަށް ކުޅުނު އެރިކްސަން ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ.
އެރިކްސަން މީގެކުރިން ވަނީ އަޔެކްސް، ޓޮޓްނަމް ހޮޓްސްޕަރ، އިންޓަރ މިލާނަށް ކުޅެފައެވެ.

އެރިކްސަން ހާމަކުރިގޮތުގައި އޭނާ އަދިވެސް ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އޭނާއަށް ހާސިލް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރިކަން އޭނާއަށް އެނގޭކަމަށެވެ. އަދި އެހެން ކަމުން އޭނާގެ މިދަތުރު ފުރިހަމަ ކުރަން މިއި ރަނގަޅު ޓީމެއް ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ޔުނައިޓެޑަކީ ހާއްސަ ޓީމެއް ކަމަށާއި އެކްލަބާއި އެކު މަސައްކަތް ފަށަށް ކެތް މަދުވެފައިވާކަމަށެވެ.

އެރިކްސަންވަނީ މިމަސް ފެށުން ތަނާހެން ޔުނައިޓެޑަށް ސޮއިކުރުމަށް އެއްބަސްވެފައެވެ. އަދި މިއީ އާސީޒަނަށް ޔުނައިޓެޑުން ސޮއިކުރި ދެވަނަ ކުޅުންތެރިޔާއެވެ. މިއީ އޭނާއަށް ޔޫރޯ 2020ގައި ދަނޑުމަތީ ދިމާވި ނުރައްކާތެރި ހިތުގެ މައްސަލައަށް ފަހު ބޮޑު ޓީމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. އޭނާ މިފަހަރު ހޯދުމަށް އޭނާ ކުރިން ކުޅުނު ސްޕަރސްއިންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެ ފަހު ވަގުތު ޔުނައިޓެޑަށް ބަދަލުވާން ނިންމީ ކަމަށެވެ.