ކުޅިވަރު

މެލްބަން ވިކްޓަރީ އަތުން ޔުނައިޓެޑަށް މޮޅެއް


އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރީ-ސީޒަން ޓުއާގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑް ދެވަނަ މެޗް ކާމިޔާބުކުރީ އޮސްޓްރޭލިއަން އޭ ލީގުގެ ޓީމެއްކަމަށްވާ މެލްބަން ވިކްޓަރީ އާއި ބައްދަލުކުރިމެޗެވެ. އޮސްޓްރޭލިއާގެ މެލްބަންގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ ފަހަތުން އަރާ 4-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ ވިކްޓަރީގެއެވެ. މިގޮތުން މެޗްގެ 5 ވަނަ މިނެޓްގައި ވިކްޓަރީގެ ކްރިސް އިކޮނޮމިޑިސްވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގާދީފައެވެ.

މިމެޗްގައި ޔުނައިޓެޑަށް އެއްވަރު ކުރި ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ޖަހާދިނީ ސްކޮޓް މެކްޓޮމިނޭއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް މިމެޗްގައި ލީޑު ނަގާދިނީ އެންތަނީ މާޝަލްއެވެ. މިމެޗްގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާދިނީ މާކަސް ރަޝްފަޑްއެވެ. އަދި އެޓީމްގެ ފަހު ލަނޑަކީ މެޗްގެ ފަހު މިނެޓްގައި ވިކްޓަރީގެ އެޑްމޮންޑް ލުޕަންކޫ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗްގައި ޔުނައިޓެޑް ޓީމްގެ ކެޕްޓަން ހެރީ މެގުއަރ ފުރަތަމަ އެގާރައިގާ ހިމެނުނު އިރު ޖޯޑަން ސަންޗޯވަނީ ފުރަތަމަ މެޗެކޭ އެއްގޮތަށް މިމެޗްގައި ވެސް މޮޅުކުޅުމެއް ދައްކާފައެވެ.