ޚަބަރު

ސޯފީ އަށް މިފަހަރުވެސް އަންހެން ކުއްޖެއް


މަޝްހޫރު އެމެރިކަން ފެންޓަސީ ޑްރާމާ ސީރީޒް "ގޭމް އޮފް ތުރޯންސް" ގެ މަޝްހޫރު ބަތަލާ ސޯފީ ޓާނާ އަށް އަނެއްކާވެސް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

ސޯފީ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް ސޯފީ އާއި ފިރިމީހާ އަދި މިޔުޒީޝަން ޖޯ ޖޯނަސްގެ ތަރުޖަމާން ވަނީ ބުނެފައެވެ. އަދި މިއީ އެ އާއިލާއަށް އައި ވަރަށް އުފާވެރި ވަގުތެއްކަމަށްވެސް ތަރުޖަމާނު ވަނީ ބުނެފައެވެ.

ސޯފީ ބަނޑު ބޮޑުވެ ހުރެ ނިޔޯކު ސިޓީގައި ބޭއްވި މިއަހަރުގެ މެޓް ގާލާ ރެޑް ކާޕެޓްގައި ވަނީ ހިނގާވެސް ލާފައެވެ.
ސޯފީ އާއި ޖޯ ކައިވެނިކުރީ 2019 މެއި މަހު ލާސް ވޭގަސްގައި ބޭއްވި ސަޕްރައިޒް އިވެންޓެއްގައެވެ. އޭގެފަހުން އޭގެ އަނެއްމަހު ފްރާންސްގައި ވަނީ ކައިވެނީގެ ބޮޑު ހަފްލާއެއްވެސް ބާއްވާފައެވެ.

މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ވިލާ ޖޯނަސް ލިބުނީ ޖުލައި 22، 2020 ގައެވެ. ޖޯ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
ނިކް އާއި ޖޯގެ އިތުރުން އެ މީހުންނާ އެއްބަނޑު އެއްބަފާ ކެވިން ޖޯނަސް އަކީ "ޖޯނަސް ބްރަދާޒް" ގެ ނަމުގައި އަމިއްލަ މިއުޒިކް ބޭންޑެއްވެސް ހިންގާ ބައެކެވެ.

ގޭމް އޮފް ތުރޯންސްއިން ވިދާލި 26 އަހަރުގެ ބަޠަލާ ސޯފީ އެންމެ ފަހުން ފެނިފައި ވަނީ 2019 ވަނަ އަހަރު ރިލީޒްކުރި "ޑާކް ފީނިކްސް" އިންނެވެ.