ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބީޖީ ސްޕޯޓްސް ކުލަބު ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އެނބުރި އައުން މޮޅަކުން ފާހަގަކޮށްފިއެވެ.
މީގެ ކުރިން އެފްއޭއެމުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވިކްޓަރީ ސަސްޕެންޑް ކުރީ ދިވެހި ޕްރިމިއާ ލީގު މެޗުތަކަށް ހާޒިރުނުވި މައްސަލަ އާއި، މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އާއި ކޯޗުންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ހުށަހަޅާފައިވާ މައްސަލަ އާއި، ކުލަބު ލައިސަންސިންއާ ގުޅޭގޮތުން ހަމަކުރަންޖެހޭ ލިޔުންތައް ހަމަކޮށްފައިނުވާތީ އެ މައްސަލަތައް ބެލުމަށްފަހުއެވެ.
އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ވިކްޓަރީން ފާއިތުވި 1،021 ދުވަހުގެ ތެރޭ ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. އަދި މިއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިވެހި ޕްރިމިއާ ލީގުގައި ތ. ތިމަރަފުށި އަތުން މޮޅުުވި ފަހުން، ރަސްމީ މެޗެއްގައި ވިކްޓަރީ މޮޅުވި ފުރަތަމަ ފަހަރެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް ދޭއްގައި ހިމެނޭ ވިކްޓަރީ މޮޅުވީ ބީޖީ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ކުރީކޮޅު ވިކްޓަރީން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު، އަޙްމަދު އިމާޒް (އާއްކޮ) ބޮލުން ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އޯވަހެޑް ކިކަކުން ކާމިޔާބުކޮށްދިނީ މުޙައްމަދު ކުޑޫއެވެ. އަދި އޭގެ މިނެޓެއް ފަހުން އަޙްމަދު ހުސެއިން (އައްމަޑޭ) ވަނީ ލަނޑެއް ޖަހައި، ވިކްޓަރީގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބީޖީން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަފާއު މުޙައްމަދެވެ.
ޖުމްލަ 16 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ގައުމީ ފުޓްބޯޅަ ދަނޑުގެ އިތުރުން މާފަންނު ޓާފް ދަނޑާއި ވިލިމާލޭގައި ދާދިފަހުން ހުޅުވި ޓާފް ދަނޑުގައެވެ.
މުބާރާތް ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.