ޚަބަރު

އިސްރާއީލުގެ މަތިންދާބޯޓުތަކަށް ސަޢޫދީގެ ވައިގެ ސަރަޙައްދު ހުޅުވައިލަނީ


ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރުމުގެ ހުއްދަ ފަސިންޖަރުން އުފުލާ ހުރިހާ އެއަރލައިންތަކަށް ދިނުމަށް އެ ޤައުމުން ނިންމައިފިއެވެ. މިއީ، ތިން ބައްރުގެ މެދުގައި ކުރާ ވައިގެ ދަތުރުތައް ގުޅުވައިދޭ މައި ބަނދަރަކަށް އެ ޤައުމު ހެދުމާއި، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރުގެ ވިއުގަ އިތުރަށް ފުޅާ ކުރުމަށް ނިންމި ނިންމުމެއް ކަމުގައި އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ބުނެއެވެ.

މީގެ އިތުރުން، އިސްރާޢީލުގެ ޗާޓަރު މަތިންދާބޯޓުތަކަށް ސަޢޫދީ ޢަރަބިއްޔާގައި ޖެއްސުމުގެ ހުއްދަ ދިނުމަށް ވެސް އެ ޤައުމުން މި ވަނީ ނިންމާފައެވެ. މިއީ، ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް ދަތުރުކުރާ މުސްލިމުންނަށް އިސްރާޢީލު މަގުން އެ ޤައުމަށް އެތެރެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އިސްރާޢީލަކީ ކުޑަ މުސްލިމް އާބާދީއެއް އޮންނަ ޤައުމެކެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދު ހުރަސްކޮށް އޭޝިޔާ ބައްރުގެ ޤައުމުތަކަށް ދަތުރު ކުރުމުގެ ފުރުޞަތު ވެސް އެ ޤައުމުން އިސްރާޢީލަށް ދޭނެއެވެ.

ޔޫ.އޭ.އީއާއި ބަޙުރެއިނާއެކު އިސްރާޢީލުން ގުޅުން ބަދަހިކޮށް އެކުލަވައިލި އަބްރަހަމް އެކޯޑްސްގެ ދަށުން ސަޢޫދީ ޢަރަބިއްޔާއިން މިހާރު ވެސް ދަނީ ޚާއްޞަ އެއަރ ކޮރިޑޯއެއް ކަނޑައަޅައި، އިސްރާޢީލުގެ މަތިންދާބޯޓުތަކަށް އެ ދެ ޤައުމަށް ދަތުރުކުރުމުގެ ފުރުޞަތު ދެމުންނެވެ. ނަމަވެސް، މިހާރު އިސްރާޢީލުގެ މަތިންދާބޯޓުތަކަށް އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ޗައިނާއާއި އިންޑިޔާއަށް ވެސް ދަތުރު ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.