ޚަބަރު

ރަޝިޔާގެ ޙަމަލާތަކުން ކުށެއްނެތް ޔޫކްރެއިނުގެ ޢާއްމުންނަށް ބޮޑެތި ގެއްލުންތަކެއް


ރަޝިޔާގެ ޙަމަލާތަކުގައި ޔޫކްރެއިންގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ 23 މީހުން މަރުވެއްޖެއެވެ. މީގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ. ރަޝިޔާގެ ހަމަލާތައް މި ފަހަރު އަމާޒުކޮށްފައިވަނީ ޔޫކްރެއިންގައި ހަނގުރާމަ ހިނގަމުންދާ ދޮންބެސް ސަރަޙައްދަށް ވުރެ މާ ދުރުގައި އޮންނަ ވިނިޓްސިޔާ ކިޔާ ރަށަކަށެވެ. މިސައިލްތައް އަމާޒުކޮށްފައި ވަނީ ޢާންމުންގެ ގެދޮރަށާއި ޞިއްޙީ ފަރުވާ ދޭ މަރުކަޒަކަށެވެ.

މި ހަމަލާތަކަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ޔޫކްރެއިނުން ސިފަ ކުރެއެވެ. “މި ހަމަލާތައް ސިފަ ކުރަން ޓެރެރިސްޓް ހަމަލާ ނޫން އެހެން ބަހެއް ބޭނުމެއް ނުކުރެވޭނެ،” ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ. މި ހަމަލާތައް ދިނުމަށް ރަޝިޔާއިން ބޭނުން ކޮށްފައި ވަނީ ކެލިބަރ ކްރޫޒް މިސައިލް ކަމަށާއި، މިސައިލްތައް އުދުއްސައިލާފައި ވަނީ ބްލެކް ސީގައި އޮތް ރަޝިޔާގެ އަސްކަރީ ސަބްމެރިންއަކުން ކަމަށް ޔޫކްރެއިނުން ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޢާންމުންގެ ގެދޮރާއި އެހެން ޢިމާރާތްތަކަށް ރަޝިޔާއިން ދެމުންދާ މި ފަދަ ހަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމުގައެވެ.

މި ހަމަލާތަކުގައި އިޖުތިމާޢީ މަރުކަޒަކާއި، ޢާންމުންގެ ގެދޮރާއި، ޞިއްޙީ ފަރުވާދޭ މަރުކަޒެއްގެ އިތުރުން ޢާންމުންގެ ދުއްވާ އުޅަނދުތައް ހަލާކުވި ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ. އަދި، ހޮސްޕިޓަލުގެ އެޑްމިޓްކޮށްގެން 66 މީހަކަށް ފަރުވާ ދޭން ޖެހުނެއެވެ. ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ބަންދުވެފައިވާ ކަމަށް ބެލެވޭ އިތުރު 39 މީހުން ހޯދުމަށް ވެސް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

“މިއީ ގަސްދުގައި ރަޝިޔާއިން ދޭ ހަމަލާތަކެއް. ބޭނުމަކީ ޢާންމުން މަރައި، ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން. ރަޝިޔާގެ ވެރިކަމުގައި ތިބީ ޓެރެރިސްޓުން ކަން މުޅި ދުނިޔެ ޤަބޫލުކުރަން ޖެހޭ،” ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ދިމީތުރީ ކުލެބާ ވިދާޅުވިއެވެ.

370,000 މީހުންގެ އާބާދީއެއް އޮންނަ ވިނިޓްސިޔާއަކީ ވެރިރަށް ކީވުގެ ހުޅަނގު ދެކުނުން 200 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ ރަށެކެވެ. ޔޫކްރެއިންގެ ވައިގެ ސިފައިންގެ މައި މަރުކަޒު ހުންނަނީ އެ ރަށުގައެވެ. ރަޝިޔާގެ މި ހަމަލާތަކަކީ އެ ތަނަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާތަކެއް ކަމުގައި ބެލެވެއެވެ. މާރިޗު މަހު ވެސް ރަޝިޔާ ސިފައިން ވަނީ ކްރޫޒް މިސައިލް ބޭނުންކޮށްގެން އެ ތަނަށް ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ.

ރަޝިޔާއިން ޔޫކްރެއިނުގެ ޢާންމުންނާ ދެކޮޅަށް ހިންގަމުންދާ މި ފަދަ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ކުށްތައް ތަހުޤީޤު ކުރުމަށް އެމެރިކާއާއި 40 އިތުރު ޤައުމަކުން މި ވަނީ ނިންމާފައެވެ. މި ކަމާ ގުޅިގެން ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ޗެއަރމަންގެ ނައިބު ދިމީތްރީ މެޑްވެޑޭފް ވިދާޅުވީ، ރަޝިޔާ ފަދަ ނިއުކްލިޔަރ ބާރަކާ ދެކޮޅަށް އެހެން ޤައުމުތަކުން ތެދުވުމަކީ މުޅި އިންސާނިއްޔަތަށް އޮތް ނުރައްކަލެއް ކަން ހަނދާން ނައްތައިލައިގެން ނުވާނެ ކަމުގައެވެ.

ކްރެމްލިންއިން ބުނީ، ރަޝިޔާ ބޭނުންވާ ގޮތަށް ޔޫކްރެއިނުން އަމަލު ކުރާ ނަމަ، އަދި ރަޝިޔާގެ ހުށަހެޅުންތައް ޤަބޫލު ކުރާ ނަމަ، ހަނގުރާމަ ހުއްޓައިލަން އެއްބަސްވާނެ ކަމުގައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އަންދްރޭ ރުޑެންކޯ ވިދާޅުވީ ފުރަތަމަ ކަމަކީ ޞުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް ޔޫކްރެއިނުން އެއްބަސްވުމެވެ. އަދި، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ މިނިވަންކަން ޤަބޫލު ކުރަން ޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެއީ 2014 ވަނަ ރަޝިޔާ ސިފައިން އަރައި ހިފާފައިވާ ކްރައިމިޔާއަކީ ރަޝިޔާގެ ސަރަޙައްދެއްގެ ގޮތުގައި ބަލައިގަނެ، ފެބުރުއަރީ 24ގައި ފެށި ހަނގުރާމައިގައި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ދޮނެޓްސްކާއި ލުހާންސަކީ ވެސް މިނިވަން ދެ ދަޢުލަތް ކަމުގައި ޔޫކްރެއިނުން ޤަބޫލު ކުރުމެވެ. ނަމަވެސް، ޔޫކްރެއިނުގެ އެއްވެސް ރަށެއް ރަޝިޔާ ފަދަ އިސްތިއުމާރީ ބާރެއްގެ އަތްދަށުވުމަށް އެއްބަސް ނުވެވޭނެ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ.