ޚަބަރު

މާލޭގެ އެކި ސަރަޙައްދުތަކަށް އުދަ އަރައިފި


މާލޭގެ އެކި ސަރަޙައްދުތަކަށް އުދަ އަރައިފިއެވެ.

އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހެންވޭރު ރާޅުގަޑު ސަރަޙައްދަށާއި ކިންގް ސަލްމާން މިސްކިތް ސަރަޙައްދަށެވެ. ރާޅުގަނޑު ސަރަޙައްދުން ބޮޑުތަކުރުފާނު މަގާއި ސަލްމާން މިސްކިތް ޕާކިން ޒޯނަށާއި އެސަރަޙައްދަށް ވަރަށްބޮޑަށް ރާޅު އަރާފައިވެއެވެ. އުދަ އެރުމުގެ ސަބަބުން އެސަރަހައްދުތަކުގެ މަގުމައްޗަށް ރާޅާއެކު ވެލި އަރާފައިވެއެވެ. އެ ސަރަޙައްދުތައް މިހާރުވަނީ ސާފުކޮށްފައެވެ. މާލޭގެ އެހެން ބައެއް ސަރަޙައްދުތަކަށްވެސް އުދަ އަރާފައިވެއެވެ.

ދިޔަ ބޮޑުވާ ވަގުތުގައި މިދުވަސްވަރު އުދާ އަރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވެސް އޮތީ ލަފާ ކޮށްފައެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވައި ދެކުނު އަތޮޅުތަކަށް ވަނީ ވައިޓް އެލަރޓްވެސް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނި މިމަދު މެންދުރު ފަހުން ފެށިގެން އިރުއޮއްސުމާ ހަމައަށެވެ.

ބޮޑުދިޔާގައި ރާޅުތަކުގެ އުސްމިން އާއްމު ގޮތެއްގައި އުޅެނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުއެވެ. މާލެއަށްވެސް އުދަ އަރާފައިވަނީ މިއަދު އެންމެ ދިޔަވަރު ބޮޑުވި ވަގުތުގައެވެ.

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފައިވާއިރު، މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިގެން ރަށަކުން ރިޕޯޓް ކޮށްފައި ނުވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އިތޯރިޓީން ވިދާޅުވެއެވެ.

މިމަހުގެ ފުރަތަމަ ހަފްތާގައި ދެކުނުގެ ރަށްތަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިއެވެ. އެގޮތުން 11 އަތޮޅަކުން 35 ރަށަށް އެކި ވަރުގެ ގެއްލުންތައް ލިބުނެވެ. އަދި ބައެއް އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ. ނަމަވެސް މިހާރު އާއްމު ޙަލަތަށް އައިސް، އާއިލާތައް އެމީހުންގެ ގެތަކަށް ވަނީ ބަދަލުވެފައެވެ.