ޚަބަރު

މިރޭ ވިލިމާލޭގައި ހަވާ އަރުވަނީ


ޢީދުގެ ހަރަކާތްތައް ނިމުން ފާހަގަކުރުމަށް ވިލިމާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިޖެއެވެ.

ހަވާ އެރުވުމުގެ ކަންކަން ކުރިއަށްގެންދަނީ ވިޔަފާރި އުސޫލުން، އެމްއެންޑީއެފްގެ ސިފްކޯގެ ފަރާތުންނެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ހަވާ އެރުވުން އޮންނާނީ މިރޭ 21:30ގައި، ވިލިމާލެ ބަނދަރާ ދިމާއިން ކަމަށެވެ.

ހަވާ އެރުވުމުގެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، ޢީދު ނިންމުމުގެ ގޮތުން މިރޭ ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯވގެ ތެރެއިންނެވެ.

ޢީދު ފާހަގަކުރުމަށް ވިލިމާލޭގައި ތަފާތު ގިނަ ހަރާކާތްތަކެއް، މުޅި ހަފްތާއަށް ބަހާލައިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޢީދު ސައި ބޭއްވުމާއި، ފެން ކުޅިއާއި، ގޭމް ޝޯވްތަކާއި ދަފިނެގުން އަދި މާލި ޕެރޭޑް ބާއްވާފައިވެއެވެ.

މިއަހަރުގެ އަޟުޙާ ޢީދުގައި މާލެ ސަރަަޙައްދުގައިި ސަރުކާރުގެ ފަރަތުން ރަސްމީކޮށް ހަރަކާތްތައް ބާއްވާފައެއް ނުވެއެވެ. ކޯވިޑާއި އެކި ކަހަލަ ރޯގާތައް ފެތުރުން އިތުރުވުމާ ގުޅިގެން، ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެއްސި ޢީދު ޝޯވްއާއި ހަވާ އެރުވުމުގެ ކުޅިވަރުތައްވެސް ފަހުވަގުތު ކެންސަލްކުރީއެވެ.