ވިޔަފާރި

ޖެޓް ފިއުލްގެ އައު ޝިޕްމަންޓެއް ލިބިއްޖެ


ޖެޓް ފިއުލްގެ އައު ޝިޕްމަންޓެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ވިދާޅުވީ ޖެޓް ފިއުލްގެ އައު ޝިޕްމަންޓް ރާއްޖެއަށް ލިބިފައި ވަނީ އިއްޔެކަމަށެވެ.

އަވަށްޓެރި ސްރީލަންކާއިން ބޯޓުތަކަށް އަޅާނެ ތެޔޮ ނުލިބުމުގެ ސަބަބުން ރާއްޖެއަށް ޖެޓް ފިއުލް އަޅަން އަންނަ ބޯޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން އެމްއޭސީއެލްއިން ބޯޓުތަކަށް ތެޔޮ ދޫކުރަމުން ދަނީ ލިމިޓްކޮށްގެންނެވެ. ނަމަވެސް އަލަށް މި ލިބުނު ތެޔޮ ޝިޕްމަންޓާއިއެކު ބޯޓުތަކަށް ބޭނުންވާވަރަށް ތެޔޮ ފޯރުކޮށްދެވިގެންދާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މި ޝިޕްމަންޓް ބޯޓުތަކަށް ދޫކުރަން ފެށޭ ދުވަސް ކުރިއާ އަޅާބަލާއިރު އަވަސްވާނެކަމަށެވެ. ސަބަބަކީ ކުރިން ޖެޓް ފިއުލް ރީޓެސްޓްކުރުމަށްޓަކައި ފޮނުވަންޖެހެނީ ދުބާއީއަށްކަމަށާއި ނަމަވެސް މިހާރު ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް ކޮލެޓީ ދެނެގަނެވޭނެ ލެބެއް އެސްޓީއޯއިން ހުޅުވާފައިވުމުގެ ސަބަބުން، ވަގުތުން ޓެސްޓްކޮށް އަވަހަށް ބޯޓުތަކަށް މި ތެޔޮ ފޯރުކޮށްދެވޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ. މީގެއިތުރުން، މިލެބޯޓަރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލްއާއި ޑީސަލްގެ ކީ ޕެރަމީޓަރސްތައްވެސް ޓެސްޓްކުރެވޭނެއެވެ.

ލަންކާއަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން އެމްއޭސީއެލްއިން ތެޔޮ ފޯރުކޮށްދޭ އެއަރލައިންތަކުގެ އަދަދު އިތުރުވިނަމަވެސް އެމްއޭސީއެލްއިން އަންނަނީ ބޯޓުތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދެމުންނެވެ.

އެމްއޭސީއެލްއިން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އައު ފިއުލް ފާމެއް އެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިތަން މިއަހަރު ނިންމައި ބޭނުންކުރެވޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އަލަށް ތަރައްޤީކުރާ ފިއުލް ފާމަކީ މިހާރު ބޭނުންކުރާ ފިއުލް ފާމަށްވުރެ ޖާގައިގެ ގޮތުން 3 ގުނަ ބޮޑު ތަނެކެވެ. މިތަނުގައި 45 މިލިއަން ލީޓަރުގެ ޖެޓް A1 ފިއުލް، އެއް މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެއެވެ. ފިއުލް ސްޓޯރޭޖްގެ އައު އެކްސްޕޭންޝަނާއެކު ވީ.އައި.އޭގައި ފިއުލް ހައިޑްރަންޓް ސިސްޓަމް ހަރުކޮށް، އެއަރލައިންތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ކުރުވެގެންދާނެއެވެ. މިއީ އެއަރޕޯޓުގެ އޮޕަރޭޝަންތައްވެސް މިހާރަށްވުރެ އަވަސްކުރުމަށް ހުޅުވިގެންދާނެ ދޮރެއްކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.