ޚަބަރު

ޑޭވިޑް ބެކަމްގެ ޑޮކިއުމެންޓްރީގައި ދަރިފުޅުގެ ކައިވެނީގެ މަންޒަރުތައްވެސް ދައްކާނެ


މީގެ ދެ އަހަރު ކުރިން އިއުލާނުކޮށްފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ހަޔާތުގެ މައްޗަށް އުފައްދާ ޑޮކިއުމެންޓްރީ ޑައިރެކްޓުކުރަނީ އޮސްކާ އެވޯޑު އުފުލާލާފައިވާ ފިޝާ ސްޓީވެންސް އާއި ޖޯން ބެޓްސްޓެކް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

20 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން އުފައްދާ މި ޑޮކިއުމެންޓްރީ ޕްރޮޑިއުސްކުރާނީ ބެކަމްގެ ޕްރޮޑަކްޝަން ސްޓޫޑިއޯ، ސްޓޫޑިއޯ 99 އާއި ބެކްސްޓެކްގެ ވެންޗާއައިލެންޑާއި ގުޅިގެންނެވެ.

ޕްރޮޑަކްޝަންގެ މަސައްކަތުގައި އަދި އޮތް މި ޑޮކިއުމެންޓްރީގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއަކަށް ބެކަމް ވުމުގެ ކުރިން އޭނާގެ ހަޔާތުގައި ހިނގާފައިވާ މުހިއްމު ކަންކަމާއި، އޭގެފަހުން ހިނގާދިޔަ ކަންތައްތައްވެސް ދައްކާނެއެވެ. ބެކަމްއާއި އަންހެނުން އަދި ސްޕައިސް ގާލްސްގެ ތަރި ވިކްޓޯރިއާ ބެކަމްގެ ޒާތީ ދިރިއުޅުންވެސް މި ޑޮކިއުމެންޓްރީގައި ގެނެސްދޭނެއެވެ.

ބެކަމްގެ އާއިލާ އާއި ބައެއް ރައްޓެހިންގެ އިންޓަވިއުތައްވެސް މި ޑޮކިއުމެންޓްރީގައި ގެނެސްދޭން ވަނީ ހަމަޖެހިފައެވެ. އިންޓަވިއުކުރާ ރައްޓެހިންގެ ތެރޭގައި އީވާ ލޮންގޯރިއާ، ޓޮމް ކްރޫޒް، ގައި ރިޗީ އަދި އެލްޓަން ޖޯން ހިމެނެއެވެ.

މީގެއިތުރުން ބެކަމްގެ ދަރިފުޅު ބްރޫކްލީއަށް އޭނާ ބާއްވާދިން އޭ ލިސްޓު ކައިވެނިވެސް ދައްކާނެއެވެ. ބްރޫކްލީ ކައިވެނިކުރީ ބިލިއަނަރު ނެލްސަން ޕެލްޓްސްގެ ދަރިފުޅު ނިކޮލާ ޕެލްޓްސްއާއެވެ.