ޚަބަރު

"ސަންޖޫ" އަށްފަހު ރަންބީރަށް ހިނގުނީވެސް ސަންޖޭ ހިނގާހެން


ސަންޖޭ ދަތާއި ރަންބީރު ކަޕޫރަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ދެ ތަރިންނެވެ. މި ދެ ތަރިންނަކީ ވަރަށް ގާތް ދެ ތަރިންވެސްމެއެވެ.

ސަންޖޭގެ ހަޔާތުގެ މައްޗަށް ރަންބީރު ކުޅުނު ފިލްމު "ސަންޖޫ" އަށްފަހު މި ގުޅުން ވަނީ އިތުރަށް ވަރުގަދަވެސް ވެފައެވެ. 2018 ވަނަ އަހަރު ރިލިޒްކުރި މި ފިލްމުގެ ޑައިރެކްޓަރަކީ ރާޖް ކުމާރު ހިރާނީއެވެ.

ވިކީ ކޯޝާލް، އަނުޝްކާ ޝަރުމާ، ޕަރޭޝް ރާވަލް އަދި ދިއާ މިރުޒާ ވެސް މި ފިލްމުން ފެނުނެވެ. ސަންޖޭގެ ރޯލު މި ފިލްމުގައި ރަންބީރު ކުޅެފައިވަނީ ވަރަށް މޮޅަށެވެ. މި ފިލްމުން ރަންބީރުގެ ފަރާތުން ފެނުނު އެކްޓިންއަށް ގިނަ ބަޔަކު ވަނީ ތަޢުރީފްވެސް ކޮށްފައެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ ފިލްމު ނިމުނު ފަހުންވެސް ސަންޖޭގެ ކެރެކްޓާ ތެރެއިން ނިކުމެވޭ ގޮތެއް ނުވިކަމަށެވެ. އަދި އޭނާ އަކީ އެގޮތަށް ދުވަހަކުވެސް ގެއަށް ކެރެކްޓާ ގެންދާ މީހެން ނޫން ކަމަށާއި، މިހެން މި ދިމާވީ އަދި ފުރަތަމަ ފަހަރަށް ކަމަށް ރަންބީރު ބުންޏެވެ. "ސަންޖޫ" އެޅުވިތާ ކައިރީގައި ހިނިތުންވަނީ ސަންޖޭ ހިނިތުވާ ގޮތަށް ކަމަށާއި ހިނގެނީވެސް ސަންޖޭ ހިނގާ ގޮތަށް ކަމަށް ރަންބީރު ވަނީ ބުނެފައެވެ.

ކަރަން މަލޯތްރާގެ ޕީރިއަޑް އެކްޝަން ފިލްމު "ޝަމްޝޭރާ" އިން ސަންޖޭ އާއި ރަންބީރު އެކުގައި ފެންނާނެއެވެ. މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި މި ދެތަރިންގެ އިތުރުން ވާނީ ކަޕޫރު، ރޯނިތް ރޯއީ، ސޫރަބް ޝަކުލާ އަދި އަޝުތޯޝް ރާނާވެސް ފެންނާނެއެވެ.

ރަންބީރުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ރިލިޒްކުރުމުގެ މަގުމަތީގައި އޮތް އަޔާން މުކަރުޖީގެ "ބްރަމަސްތްރާ" ، ސަންދީޕް ވަންގާގެ "ކްރައިމް ޑްރާމާ "އެނިމަލް" އިތުރުން ޝްރައްދާ ކަޕޫރާއިއެކު ފެންނަ ލަވް ރަންޖަންގެ ފިލްމުވެސް ހިމެނެއެވެ.