ޚަބަރު

އިންދިރާ ގާންދީއާއި ކަންގަނާ ވަރަށް ވައްތަރު


އިންޑިއާގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާގެ ޝަރަފު ހޯދި އިންދިރާ ގާންދީގެ ރޯލުން ކަންގަނާ ފެންނަ "އިމާޖެންސީ" ފުރަތަމަ ޕޯސްޓަރާއި ޓްރެއިލާ ދައްކާލައިފިއެވެ. މިއާއިއެކު މީގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް ވަނީ އިޢުލާނުކޮށްފައެވެ.

"އިމާޖެންސީ" އަކީ ކަންގަނާގެ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާގެ ދަށުން އޭނާ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓުވެސް ކުރާ ފިލްމެކެވެ. މިއީ ކަންގަނާގެ ދެވަނަ ޑައިރެކްޝަނަށެވެ.

އޭނާ ފުރަތަމަ ޑައިރެކްޓުކޮށްފައި ވަނީ ކަންގަނާ ކުޅެ، އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނު 2019 ވަނަ އަހަރު ދެއްކި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.


އިމާޖެންސީގެ ޓްރެއިލާ ދައްކާލުމާއިއެކު ކަންގަނާގެ ފޭނުން ވަނީ އެނާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އަދި އިންދިރާ އާއި ކަންގާއާއި އެއްވެސް ތަފާތެއް ނެތް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އިންދިރާގެ އަޑާއި ކަންގަނާގެ އަޑު ވައްތަރުކުރަން ވެގެން ކަންގަނާ ވަނީ ވޮއިސް މޮޑިޔުލޭޝަންވެސް ހަދާފައެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މިދިޔަ މެއި މަހު ރިލީޒްކުރި ކަންގަނާގެ އެންމެ ފަހުގެ ފިލްމު "ދާކަޅް" ވެސް ލިޔުނު ރިތޭޝް ޝާހުއެވެ. ރިތޭޝްއަކީ "ކަހާނީ"، "އެއާލިފްޓް" "ރެއިޑް" އަދި "ޕިންކް" ފަދަ ކާމިޔާބު ފިލްމުތަކުގެ ސްކްރީން ރައިޓަރުވެސްމެއެވެ.

އިންދިރާގެ ވެރިކަމުގައި ސިޔާސީ ގޮތުން އުފެދުނު ހަލަބޮލިކަމާއި އިއުލާންކުރި އިމަޖެންސީއާ ހެދި ދިމާވި ކަންކަމަށް ބިނާކޮށް އުފައްދާ މި ފިލްމު ސިނަމާތަކުގައި އަޅުވާނެ ދުވަހެއް އަދި ހާމައެއްނުކުރެއެވެ.

ކަންގަނާ ދެން އެންމެ އަވަހަށް ފެންނާނީ އަސްކަރީ ޕައިލެޓެއްގެ ރޯލުން ކަންގަނާ ފެންނަ ވަތަނީ ފިލްމު "ތޭޖާސް" އިންނެވެ.