ޚަބަރު

ހައްލަކީ ދެ ޤައުމުގެ މިނިވަން ދެ ދައުލަތް ޤާއިމުކުރުން: ބައިޑަން


އެތައް ޤަރުނެއްވީ ފަލަސްތީން-އިސްރާއީލުގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ދެ ޤައުމުގެ މިނިވަން ދެ ދަޢުލަތް ޤާއިމު ކުރުން ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޖޯ ބައިޑަން ފަލަސްތީނުގެ މިނިވަން ދަޢުލަތަކަށް ފުރުޞަތު ދޭން ތާޢީދު ކުރައްވާ ކަން ހާމަކުރައްވައިފިއެވެ. އޭނާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ މިހާރު މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިން އިސްރާއީލަށް ވަޑައިގަންނަވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ބައިޑަންގެ ދަތުރުފުޅާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ތިބީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރަމުން، ފަލަސްތީނުގެ ބިންތަކުގައި އިސްރާޢީލުން ދަނީ އެ ޤައުމުގެ ރައްޔިތުން އާބާދު ކުރަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
މި ކަން ހުއްޓުވަން އެމެރިކާއިން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި، އިސްރާޢީލުން ދަނީ އެ ސަރަހައްދުގައިވާ ޢަރަބި އެހެން ޤައުމުތަކާ އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރަމުންނެވެ. މިއީ، އިސްރާޢީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ޤައުމުން ބޭނުން ކުރާ އުކުޅެއް ކަމަށް ޤަބޫލު ކުރެވެއެވެ.

މީގެ އިތުރުން ޤުދުސްގައި އެމެރިކާގެ ކޮންސިއުލޭޓެއް ހުޅުވުމަށް އެމެރިކާއިން ވެފައިވާ ވަޢުދު އަދި ފުއްދާފައި ނުވުމަކީ ވެސް ފަލަސްތީނުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ޚާއްޞަކޮށް ޤުދުސްގައި ކުރިން ހުރި ކޮންސިއުލޭޓް ބަންދުކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2019 ވަނަ އަހަރުއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލަޕީދާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ބައިޑަން ވިދާޅުވީ، އެމެރިކާއިން ބޭނުން ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ޞުލްޙަ ޤާއިމު ކުރުމަށް ކަމުގައެވެ. އަދި ދެކެން ބޭނުންފުޅު ވަނީ ދެ ޤައުމުގެ ރައްޔިތުން ޞުލްޙަވެރިކަމާ އެކު ދިރިއުޅެމުންދާ މަންޒަރު ކަމުގައެވެ. ބައިޑަންގެ ބަސްފުޅުތަކަށް ލަޕީދު ވެސް ވަނީ ތާޢީދު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދެ ޤައުމުގެ މިނިވަން ދެ ދައުލަތް ޤާއިމު ކުރުމަކީ އިސްރާޢީލުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އޮތް އެންމެ ރަނގަޅު މަގު ކަމުގައެވެ.

މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ބައިޑަން ކުރައްވާ މި ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ހުޅަނގު އައްސޭރީގެ ރާމަاللهއަށެވެ. އަދި، ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާހާ ބައްދަލު ކުރައްވާ، ޞުލްޙަ ޤާއިމު ކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އޭނާ މަޝްވަރާ ކުރައްވާނެއެވެ.