ޚަބަރު

ގޮތަބަޔާ އެންމެ ފަހުން އިސްތިޢުފާ ދެއްވައިފި


ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިޢުފާގެ ސިޓީ ފޮނުއްވާފައިވާ ކަން އެ ޤައުމުގެ ސަރުކާރުގެ އިސް ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފިއެވެ. އޭނާ މިހާރު ހުންނެވީ ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގަންނަވައެވެ.

ސްރީލަންކާގެ ސަރުކާރުގެ އިސް ދެ އޮފިޝަލަކު ބުނީ، އިސްތިޢުފާ ދެއްވި ކަން ޤާނޫނު ހަދާ މަޖިލީހުގެ ރައީސަށް ގޮތަބަޔާ އަންގަވާފައި ވަނީ އީމެއިލް މެދުވެރިކޮށް ފޮނުއްވި ސިޓީއެއްގައި ކަމުގައެވެ. އޭނާ ސިންގަޕޫރަށް ވަޑައިގެންނެވީ ރާއްޖެ މަގުންނެވެ.

ސްރީލަންކާގެ އޮފިޝަލުން ބުނީ، އީމެއިލް މެދުވެރިކޮށް އިސްތިޢުފާގެ ސިޓީ ފޮނުއްވާފައި ވުމުން، އެ ސިޓީ ބަލައިގަންނާނެ ކަން އަދި ނޫން ކަން ކަށަވަރު ނުވާ ކަމުގައެވެ. ގޮޔަބަޔާ ޤައުމު ދޫކުރައްވާ ފިއްލަވާފައި ވަނީ ޤައުމުގެ އިޤްތިޞާދީ ހާލަތު ގޯސްވެ، އެ ޤައުމުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވެ މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ.

ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަންނަވާފައިވާ ކަން މީޑިޔާގައި ރިޕޯޓު ކުރުމުން އެ ޤައުމުގެ ސަރުކާރުން ވަނީ ބަޔާނެއް ނެރިފައެވެ. އަދި ބުނެފައި ވަނީ ގޮޔަބަޔާ އަމިއްލަ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގަންނަވާފައިވާ ކަމުގައެވެ. އަދި، ސިންގަޕޫރުގެ ހިމާޔަތަށް އޭނާ އެދިވަޑައިގަންނަވާފައި ނުވާ ކަމަށާއި، މި ގޮތަށް އެއްވެސް މީހަކަށް ހިމާޔަތް ދިނުމަކީ ސިންގަޕޫރުން އަމަލުކޮށްއުޅޭ ގޮތް ނޫން ކަމުގައި ވެސް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ގޮޔަބަޔާ ޤައުމު ދޫކުރައްވާ ވަޑައިގަންނަވާފައި ވަނީ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތައް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ހަވާލު ކުރެއްވުމަށް ފަހުއެވެ. ވަގުތީ ރައީސަކީ ރަނިލްކަން އިޢުލާނު ކުރެއްވުމާ އެކު، މުޒާހަރާތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.
ވަގުތީ ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރަނިލް އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ، ކޮލަމްބޯގައި ކާފިޔުއެއް އިޢުލާނު ކުރެއްވުމެވެ. އެއާއެކު، ސަލާމަތީ ބާރުތަކުން ކޮލަމްބޯގެ މަގުތަކުގައި މިހާރު ދަނީ ފޯރިމަރަމުންނެވެ.