ޚަބަރު

ހަލުވިކަމާއެކު ފެތުރެމުންދާ ބީއޭ.5 ވޭރިއަންޓަކީ ކޮބާ؟


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެންމެ ހަލުވިކޮށް ފެތުރެމުންދާ ކޮވިޑް-19ގެ ވޭރިއަންޓަކީ ބީއޭ.5 ވޭރިއަންޓެވެ. މިއީ، އޮމިކްރޯން ވޭރިއަންޓުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖޫން މަހު މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 52 އިންސައްތަ މީހުންނަށް ބަލި ޖެހިފައި ވަނީ ބީއޭ.5 ވޭރިއަންޓްގެ ސަބަބުންނެވެ.

އެމެރިކާގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 65. އިންސައްތަ މީހުންނަށް ބަލި ޖެހިފައި ވަނީ މި ވައިރަސްގެ ސަބަބުންނެވެ.
ބީއޭ.5އަކީ އައު ވޭރިއަންޓެއް ނޫނެވެ. މި ވޭރިއަންޓް ނިސްބަތްވާ އޮމިކްރޯން ވޭރިއަންޓް ފެތުރެމުން ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މީގެ ތެރެއިން ބީއޭ.5 ވޭރިއަންޓް އެންމެ ފުރަތަމަ ފާހަގަ ކުރެވިފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި އޭޕްރިލް މަހުގެ ތެރޭގައި މި ވޭރިއަންޓް ފެތުރެމުންދާ މިންވަރު ޑަބްލިޔު.އެޗް.އޯ.އިން ވަނީ ދިރާސާ ކުރަން ފަށާފައެވެ.

ބީއޭ.5ގެ ސަބަބުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ އިންތިހާއަށް މައްޗަށް އަރާފައެވެ. މި ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައި ވަނީ ދެކުނު އެފްރިކާއާއި، އިނގިރޭސި ވިލާތާއި، ވިލާތުގެ އެހެން ޤައުމުތަކުގެ އިތުރުން އޮސްޓްރޭލިޔާއިންނެވެ. ފާއިތުވި ހަތަރު ހަފުތާގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާއިރު، މިއީ ބީއޭ.5ގެ ސަބަބުން އުފުލެމުންދާ ނަންބަރުތަކެއް ކަމުގައި ޑަބްލިޔު.އެޗް.އޯ.އިން ޤަބޫލު ކުރެއެވެ.

އޮމިކްރޯންގެ އެހެން ސަބް-ވޭރިއަންޓެއް ކަމުގައިވާ ބީއޭ.4އާ އެއްގޮތަށް، ބީއޭ.5އަކީ ވެސް ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ނައްތައިލަން އުނދަގޫ ވައިރަހެކެވެ. ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވާ މީހުންނާއި، ކޮވިޑް ޖެހުމަށްފަހު ބަލިން ފަސޭހަވެފައިވާ މީހުންނަށް ވެސް ބީއޭ.5ގެ ސަބަބުން އަލުން ބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ.

ޑަބްލިޔު.އެޗް.އޯ.ގެ ކޮވިޑާ ގުޅޭ ޓެކްނިލް ލީޑް މަރީއާ ވަން ކަރްޚޯވް ވިދާޅުވީ އޮމިކްރޯންގެ ސަބަބުން ބަލި ޖެހި، ބަލި ފަސޭހަވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބީއޭ.5ގެ ސަބަބުން އަލުން ބަލި ޖެހުމަކީ ގާތްކަމެއް ކަމުގައެވެ. އެމެރިކާގެ މާޔޯ ކްލިނިކްގެ ވައިރޮލޮޖިސްޓެއް ކަމުގައިވާ ގްރެގަރީ ޕޮލެންޑު ވެސް މިކަމާ އެއްބަސްވެއެވެ.

ބީއޭ.5ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވާން ފަށާފައެވެ. ނަމަވެސް، މި ބަލީގައި މަރުވާ މީހުންގެ އަދަދަށް ފާހަގަ ކުރެވޭ ވަރުގެ ބޮޑު ބަދަލެއް އައިސްފައެއް ނެތެވެ.

މީގެ ސަބަބެއްގެ ގޮތުގައި ބެލެވެނީ ވެކްސިނުން ފޯރުވައިދޭ ރައްކާތެރިކަމެވެ. ވެކްސިންގެ ސަބަބުން މި ބަލީގައި ޞިއްޙީ ގޮތުން ކުރިމަތިވާ މައްސަލަތަކާއި ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަ ކޮށްދެއެވެ. އަދި ގިނަ ފަހަރަށް، ބަލި ޖެހުމުގެ ފުރުޞަތު ވެސް ހަނިކޮށްދެއެވެ. ވެކްސިން އުފައްދާ ކުންފުނިތަކުން މިހާރު މަސައްކަތް ކުރަނީ، އޮމިކްރޯން ވޭރިއަންޓުން ދިފާޢު ވެވޭނެ ގޮތްތަކެއް ހޯދައި، މިހާރު ބޭނުން ކުރަމުންދާ ވެކްސިންތަކަށް ބަދަލުތަކެއް ގެނައުމަށެވެ.

މި ވޭރިއަންޓް ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަމަހަމަ ކަމާއެކު ވެކްސިން ލިބުމަށް ހުރި ދަތިތަކެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގެ އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާއިރު، ބައެއް މަދު ޤައުމުތަކެއްގައި ވެކްސިންގެ އެންމެ ޑޯޒެއް ވެސް ފުރިހަމަ ކޮށްފައި ނުވާ މީހުން އެބަތިއްބެވެ. މި ކަމުގެ ސަބަބުން ކޮވިޑްގެ އައު ވޭރިއަންޓްތައް އުފެދި، މި ބަލިމަޑުކަން އިތުރު އަހަރުތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގައި ޑަބްލިޔު.އެޗް.އޯ.އިން ޤަބޫލު ކުރެއެވެ.

މިގޮތަށް އުފެދިފައިވާ އެއް އައު ވޭރިއަންޓަކީ ބީއޭ.75.2އެވެ. ފުރަތަމަ އިންޑިޔާއިން ފެނުނު މި ވޭރިއަންޓަކީ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ، ހަލުވި ކަމާއެކު ފެތުރުމުގެ ކުޅަދާނަކަން ލިބިފައިވާ ވޭރިއަންޓެކެވެ. މި އައު ވޭރިއަންޓާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލީގެ އައު ރާޅުތަކެއް އުފެދިދާނެ ކަމުގެ ބިރު ހީވެފައިވާތީ، ސައިންޓިސްޓުން މިހާރު ގެންދަނީ މި އައު ވޭރިއަންޓް އިތުރަށް ދިރާސާ ކުރަމުންނެވެ.

މުޖުތަމަޢެއްގެ ތެރޭގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ ނަމަ، އޭގާ މާނައަކީ އައު ވޭރިއަންޓްތައް އުފަންވުމުގެ ފުރުޞަތު ބޮޑު ކަމެވެ. އެހެންކަމުން، ވީ އެންމެ އަވަހަކަށް ކޮމިޔުނިޓީ ސްޕްރެޑް ކޮންޓްރޯލް ކުރުމަކީ މި ވަގުތަށް އޮތް އެންމެ ފަސޭހަ ހައްލު ކަމުގައި ޕޮލެންޑް ވިދާޅުވިއެވެ.