ޚަބަރު

ގަދަ ހޫނާއެކު ވިލާތުގެ ޖަންގަލިތައް އަނދަނީ


ވިލާތުގެ ބައެއް ޤައުމުތަކުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވެ، ބައެއް ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެއްޖެއެވެ. ޕޯޗުގަލްއާއި ފަރަންސޭވިލާތުގެ ބައެއް ސަރަޙައްދުތަކުގެ އިތުރުން ސްޕެއިންގެ ހުޅަނގުގެ ޖަންގަލިތަކުގެ 20 ސަރަޙައްދެއްގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑުތަކެއް ނިއްވައިލުމަށް ހާހަކަށްވުރެ ގިނަ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަލިފާންގަނޑުތަކުގެ ސަބަބުން ރަށްފުށުގައިވާ އަވަށްތަކުގެ ރައްޔިތުންނަށްވަނީ ނުރައްކަލާ ކުރިމަތިލާން ޖެހިފައެވެ.

ވިލާތުގެ ބައެއް ޤައުމުތަކުގައި ފިނިހޫނުމިން މިހާރު ވަނީ 45 ޑިގްރީ ސެލްސިއެސްއަށް ވުރެ މައްޗަށް އަރާފައެވެ. އަދި، ހޫނު ގަދަވުމުގެ ސަބަބުން ޖަންގަލިތަކުގެ އިތުރު ސަރަޙައްދުތަކުގައި ރޯވަމުން ދާއިރު، އަލިފާންގަނޑުތައް ނިއްވައިލުމަށް ކުރަމުންދާ މަސައްކަތްތަކަށް ދަނީ ހުރަސް އެޅެމުންނެވެ.

ފަރަންސޭސިވިލާތުގެ ހުޅަނގު ދެކުނުގައި ރޯވެފައިވާ ދެ އަލިފާންގަނޑުގެ ސަބަބުން އެ ސަރަޙައްދުގައި ކޭމްޕުކުރަން ތިބި ބަޔަކު ވަނީ ރައްކާތެރި ހިސާބަކަށް ބަދަލު ކުރަން ޖެހިފައެވެ. އެ އަލިފާންގަނޑުތައް ނިއްވައިލުމަށް ސަތޭކައެއްހާ މީހުން މަސައްކަތް ކުރަމުން ދާއިރު، އަލިފާންނިއްވާ ހަ މަތިންދާބޯޓެއް ވެސް ދަނީ ބޭނުން ކުރަމުންނެވެ. އެ ޤައުމުގެ ޖަންގަލިތަކުގެ 2,700 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ އަނދާފައެވެ. އަދި، 6,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ޕޯޗުގަލްގެ ލެއީރިޔާ ޑިސްޓްރިކްޓުގެ ބައެއް އަވަށްތަކަށް އަލިފާންގަނޑު ފެތުރި، ބައެއް ޢިމާރާތްތަކަށް ވަނީ ގެންލުންވެފައެވެ. ބައެއް އަވަށްތަކުގެ ރައްޔިތުން ބުނީ، އަލިފާން ނިއްވާ މީހުންނަށް އެ ހިސާބަށް އާދެވުނީ، ބައެއް ގެދޮރުގައި ރޯވެ، އެ ތަންތައް އަނދައި ނިމުނު ފަހުން ކަމުގައެވެ. އެ ޑިސްޓްރިކްޓުގެ ޢާންމުން ވެސް މިހާރު ދަނީ އަލިފާން ނިއްވާ މީހުންނަށް އެހީތެރިވަމުންނެވެ. ލެއީރިޔާގައި 3,000 ހެކްޓަރުގެ ބިން ވަނީ މުޅިން އަނދާފައެވެ.

ޕޯޗުގަލްގެ ދެކުނުގައިވާ ފާރޯ ކިޔާ ރަށެއްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ އެ ރަށުގައި ހުންނަ ރިސޯޓަކަށް ފެތުރިފައެވެ. އެ ރިސޯޓުގެ ބައެއް ކޮޓަރިތަކުގެ އިތުރުން ގޮލްފް ކުޅޭ ދަނޑު ވެސް މިހާރު ވަނީ އަނދާ ހުލިވެފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހުމުގެ ސަބަބުން ޕޯޗުގަލްގެ ގިނަ ސަރަޙައްދުތަކަކަށް މިހާރު ވަނީ ހަނަފަސްކަން ކުރިމަތިވެފައެވެ. މި އަލިފާންގަނޑުތަކުގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކާއި، ފުއްޕާމެޔަށް ދުމުގެ އަސަރު ކޮށްގެން ޕޯޗުގަލްގެ އެކި ސަރަޙައްދުތަކުގައި 135 މީހަކަށް ވަނީ ފަރުވާ ދޭން ޖެހިފައެވެ. އަދި، 800 އެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ސްޕެއިންގެ ހުޅަނގުގެ ސަރަޙައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން މިހާތަނަށް 4,000 ހެކްޓަރުގެ ބިން ވަނީ މުޅިން އަނދާފައެވެ. އަދި އެކްސްޓްރީމަދޫރާއާއި، އަންދަލުސިޔާ އަދި ގަލާސިޔާ ސަރަޙައްދުގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން ގަދަވެ، އިންޒާރުގެ ހާލަތު ވަނީ މަތިކޮށްފައެވެ. އެ ސަރަޙައްދުތަކުގައި ވެސް ފިނިހޫނުމިން ރެކޯޑް ކުރެވިފައި ވަނީ 45.6 ޑިގްރީ ސެލްސިއެސްގައެވެ.

ދުނިޔޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ވިލާތުގެ ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ހޫނުގެ ތުފާން އިތުރު ސަރަޙައްދުތަކަށް ފެތުރެމުން ދާއިރު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ފިނިހޫނުމިން އިތުރަށް ގަދަވާނެ ކަމުގައެވެ. އ.ދ.އިން ފެބުރުއަރީ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، ކުރިއަށް އޮތް 28 އަހަރުގެ ތެރޭގައި ޖަންގަލިތަކުގައި ރޯވާ އަލިފާންގަނޑުތަކުގެ އަދަދު 30 އިންސައްތަ އިތުރުވާނެ ކަމުގައެވެ. އަދި، މިއީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން ކުރިމަތިވަމުންދާ ބަދަލުތަކެއް ކަމުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.