ޚަބަރު

އުދައިގެ ގެއްލުންވި ޢާއިލާތައް ޢާންމު ޙާލަތައް!


އުދައަރައި ގެއްލުން ލިބި، ވަގުތީ ހިޔާ ތަކުގައި ތިބި ހުރިހާ އާއިލާތައްވެސް މިހާރު އެމީހުންގެ އަމިއްލަ ގެތަކަށް ބަދަލުވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)އިން ވިދާޅުވެއްޖެއެވެ.

މިމަހުގެ ފުރަތަމަ ހަފްތާގައި މޫސުން ގޯސްވެ ރާއްޖޭގެ 11 އަތޮޅަކުން 35 ރަށަކަށް އުދައަރައި އެކިވަރުގެ ގެއްލުންވިއެވެ. މީގެތެރޭގައި ވަރަށްބޮޑަށް ގެއްލުންވި ރަށްތައްވެސް ހިމެނެއެވެ. އެންމެބޮޑަށް ގެއްލުން ވެފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށެވެ. ލޮނުގެ އަސަރުކޮށް 400އަށްވުރެ ގިނަ ގެއަށް ގެއްލުންވިކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ބައެއް ގެތަކުން ވަގުތީގޮތުން މީހުންވެސް ބަދަލުކޮށްފައިވެއެވެ.

މީހުން ބަދަލުކުރަންޖެހުނު ގެތަކުގެ ތެރެއިން، ގިނަ ގެތައް ސާފުކޮށް އާއިލާތައް އަލުން ވަނީ އެމީހުންގެ ގެތަކަށް ބަދަލުވެފައެވެ. ނަމަވެސް ބޮޑަށް ގެއްލުންވެ، ގެތަކުގައި ދިރިނޫޅެވޭ ވަރުވި 6 އާއިލާއެއް ވަގުތީ ހިޔާތަކުގައި މިފަހުންވެސް ތިއްބެވެ.

އެހެންނަމަވެސް އެ ހުރިހާ އާއިލާތައްވެސް މިހާރު އާންމު ހާލަތައް ރުޖޫއަވެއްޖެކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އެންމެ ފަހުން އާންމު ކޮށްފައިވާގޮތުގައި އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެއެވެ. އެހެންނަމަވެސް މާދަމާ ހުރިހާ ހިސާބެއްގެ މޫސުންވެސް އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.