ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ އެއީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ހިމެނޭ ބަނގުރާކަމަށެވެ.
އެގޮތުން، މިއަދު ނައްތާލާފައިވަނީ 94 ފުޅި ބަނގުރައާއި 41 ދަޅު ބިޔަރެވެ. މިތަކެއްޗަކީ މި އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފެނިގެން، އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްތިކަމަށް ފުލުހުން ވިދާޅުވެއެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.