ޚަބަރު

ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެންފި


ސްރީލަންކާގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ އެގައުމު ދޫކުރައްވައި ބޭރަށް ވަޑައިގެންނެވި ރައީސް ގޮތަބަޔާ ރާޖަޕަކްސެ ރާއްޖޭގައި އެއް ދުވަސް ހޭދަކުރެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

ގޮތަބަޔާ ރާޖަޕަކްސެ ލަންކާ ދޫކުރައްވައި ރާއްޖެ ވަޑައިގެންނެވީ އަންގާރުދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

ގޮތަބަޔާ ރާޖަޕަކްސެއާއި އަނބިކަނބަލުން ރާއްޖެއިން މިއަދު ފުރާވަޑައިގެންފައިވާއިރު ދެން ވަޑައިގަންނަވާނީ ސިންގަޕޫރަށްކަމަށް ސްރީލަންކާގެ ނޫސްތަކުން ބުނެއެވެ. ނަމަވެސް ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އޭޕީ ނިއުސް އެޖެންސީން ބުނީ ސައޫދީ އެއަރލައިންގައި އޭނާ ދަތުރުކުރައްވަނީ ސިންގަޕޫރުމަގުން ސައޫދީ އަރަބިއްޔާގެ ޖިއްދާއަށްކަމަށެވެ. ސްރީލަންކާގެ ރައީސް ގައުމު ދޫކުރެއްވީ އެގައުމުގެ އިގްތިސާދު ބަގްރޫޓްވެ ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާ ގުޅިގެން މީހުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް އެންމެފަހުން ރައީސް ދިރިއުޅުއްވާ ގަނޑުވަރަށް ވަދެފައިވަނިކޮށެވެ.

ސްރީލަންކާގެ އެއަރފޯސްއިން ބުނެފައިވަނީ އެއަރ ފޯސްޖެޓެއްގައި ރައީސް ގޮތަބަޔާ ގައުމުން ބޭރަށް ދަތުރުފުޅުކުރައްވާފައި ވަނީ ގަވާއިދު އެގައުމުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކުން ނަގަންޖެހޭ ހުއްދަތަކެއް ފުރިހަމަކުރުމަށްފަހުކަމުގައެވެ.

ސްރީލަންކާގެ ރައީސް ގައުމުން ބޭރަށް ވަޑައިގަތުމުގެ ކުރިން އެގައުމުގެ ބޮޑުވަޒީރު އަދި އޭނާގެ ބޭބެ މަހިންދަރާޖަޕަކްސެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމާގުޅިގެން ވަގުތީގޮތުން ބޮޑުވަޒީރުކަމާއި އަދި މިހާރު ރައީސް ގައުމުން ބޭރަށް ވަޑައިގަތުމުން ވަގުތީގޮތުން ރައީސެއްގެ ގޮތުގައި ހުންނެވީ ރަނިލް ވިކްރަމަ ސިންހެއެވެ.

މުޒާހަރާކުރާ މީހުން މީގެކުރިން ވަނީ ރަނިލް ދިރިއުޅުއްވާ ގެއަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. އަދި ރަނިލް މަގާމުން އިސްތިއުފާ ދެއްވުމަށްވެސް މުޒާހަރާކުރާ މީހުން ދަނީ ގޮވާލަމުންނެވެ.

އިގްތިސާދީ ކާރިސާއާ ގުޅިގެން އަލުން ބަލުން ގައުމު ކޮޅަށް ޖަހަން ޖެހިފައިވީނަމަވެސް އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަރުކާރެއް އުފެއްދުމަށް ވަނީ ހިޔަނި އެޅިފައެވެ. ލަންކާއަށް ކުރިމަތިވެފައިވާ ސިޔާސީ ކާރިސާއިން އަރައިގަނެވެން އޮތީ ގައުމުގައި އަމާންކަން ގާއިމުވެ، ސަރުކާރެއް ހިނގަން ފެށުމުންނެވެ. ސްރީލަންކާގެ ވެރިއަކަށް އަންނަންވީ ކާކުކަމެއް މުޒާހަރާކުރާ މީހުންނަށްވެސް ބުނެ ނުދެވޭއިރު އެ ގައުމުގައި އަމާންކަން ގާއިމުކުރުމަށް ބޮޑުވަޒީރު ރަނިލް ގައުމުގެ ސަލާމަތީ ބާރުތަކަށް އެންގުމުން މިއަދު ދަނީ އިތުރު ހަމަނުޖެހުންތަކެއް އެގައުމުގައި ހިގަމުންނެވެ.

ސްރީލަންކާ ބަނގުރޫޓްވެގެން ދިޔައީ އެގައުމުގެ ރައްޔިތުން ނުހަނު އުއްމީދާއެކު ގޮތަބަޔާއާއި މަހިންދަރާޖަޕަކްސެ ގައުމުގެ ވެރިކަމަށް ހޮވުމުން ރާޖަޕަކްސެގެ މުޅި އާއިލާ ކެބިނެޓަށާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނަށް ލައިގެން ހިންގި ދޯހަޅި ސިޔާސަތުތަކެއްގެ ސަބަބުންނެވެ.