ކުޅިވަރު

ސްވިޓްޒަލަންޑް އަތުން ސްވިޑެންއަށް މޮޅެއް


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ސީގައި ސްވިޓްޒަލަންޑާ ދެކޮޅަށް ކުޅުނު މެޗު ސްވިޑެންއިން ކާމިޔާބުކޮށްފިއެވެ.

މި މެޗު ސްވިޑެންއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ސްވިޑެން މޮޅުވި ފުރަތަމަ މެޗެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްވިޑެންއިންނެވެ. އެކަމަކު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސްވިޑެންއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފްރިޑޮލީނާ ރޮލްފޯއެވެ. ނަމަވެސް މި ލީޑު ސްވިޑެންއަށް ދެމެހެއްޓުނީ އެންމެ ދެ މިނެޓަށެވެ. އެގޮތުން ސްވިޓްޒަލަންޑުން ވަނީ މެޗުގެ 55 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބާޗްމަންއެވެ.

މި މެޗުން ސްވިޑެން މޮޅުވި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ކުޅުންތެރިޔާ ހަނާ ބެނިސަންއެވެ. މި މެޗުގެ ފަހު ވަގުތުކޮޅު ސްވިޑެންގެ ރެބެކާ ބްރޮންކްވިސްޓުން ދެ ލަނޑު ޖެހި ނަމަވެސް، އެ ދެ ލަނޑުވެސް ވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ.

މި ކާމިޔާބީއާއެކު ސްވިޑެންއަށް މިހާރު ވަނީ ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް ލިބި، މިމުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދުމަށް ކުރަމުންދާ އުއްމީދު އާވެފައެވެ. އަދި ސްވިޓްޒަލަންޑަށް ކުޅުނު ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.