ކުޅިވަރު

ޕޯޗުގަލް އަތުން ނެދަލަންޑްސްއަށް މޮޅެއް


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ސީގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗު ނެދަލަންޑްސްއިން ކާމިޔާބުކޮށްފިއެވެ.

މި މެޗު އެންމެ ފަހުގެ ޗެމްޕިއަން ނެދަލަންޑްސްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނެދަލަންޑްސްއިންނެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ނެދަލަންޑްސްއަށް ކާމިޔާބުކޮށްދިނީ ޑަމަރީސް އެގުރޯލާއެވެ. އަދި މެޗުގެ 16 ވަނަ މިނެޓުގައި ސްޓެފަނީ ވެން ޑަ ގްރާޓް ޖަހައިދިން ލަނޑާއެކު މި މެޗުގައި ނެދަލަންޑްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ.

އެކަމަކު އޭގެ ފަހުން ޕޯޗުގަލުން ވަނީ ކުޅުން ރަނގަޅުކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެރޯލް ކޯސްޓާއެވެ. އަދި މެޗުގެ 47 ވަނަ މިނެޓުގައި ޑައާނާ ސިލްވާ ޖަހައިދިން ލަނޑާއެކު، ޕޯޗުގަލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުގައި ނެދަލަންޑްސްއިން އަލުން ލީޑު ނަގާފައިވަނީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެން ޑެ ޑޮންކެވެ. މި މެޗުގައި ނެދަލަންޑްސްއިން ކުޅެފައިވަނީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށްވާ ވިވިއާން މިއެޑެމާއާ ނުލައެވެ. އޭނާ ވަނީ ކޮވިޑް-19 ޖެހިފައިވުމުން ވަގުތީ ގޮތުން ޓީމާ އެކަހެރިކޮށްފައެވެ.

ޕޯޗުގަލް އަތުން ހޯދި މޮޅާއެކު ދެވަނަ ބުރަން ދިއުމަށް ނެދަލަންޑްސް ކުރަމުންދާ އުއްމީދު މިހާރު ވަނީ އާވެފައެވެ.