ޚަބަރު

ސަލްމާނު މަރާލަން 4 ލައްކަ ރުޕީސްގެ ބަޑިއެއް ލޯރެންސް ގަތް


މިދިޔަ މެއިމަހުގެ ތެރޭގައި އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސިދޫ މޫސް ގަޔަށް ބަޑި ޖަހާ މަރާލުން ވެގެންދިޔައީ އިންޑިއާގެ މުޅި މިއުޒިކް އިންޑަސްޓްރީއަށް ސިހުން ގެނުވި ކަމަކަށެވެ.

އޭނާގެ ހަށިގަނޑުން 30 ވުރެ ގިނަ ވަޒަން ވަނީ ނަގާފައެވެ. އޭނާ މަރާލީ އިތުރު ދެ ރައްޓެހިންނާއިއެކު ކާރުގައި އަމިއްލަ އަވަށަށް ދަތުރުކުރަނިކޮށެވެ. މި މަރުގެ ތުހުމަތުތައް ކުރަނީ ގޭންގްސްޓާ ލޯރެންސް ބިސްނޯއީއަށެވެ.

އޭގެފަހުން މިދިޔަ މަހު ބޮލީވުޑް ތަރި ސަލްމާން ޚާނަށާއި އޭނާގެ ބައްޕަ ސަލީމް ޚާނަށްވެސް ލޯރެންސް ވަނީ މަރާލާނެކަމުގެ އިންޒާރުދީފައެވެ. ސަލްމާނު މަރާލާނެކަމަށް ލޯރެންސް ވަނީ މީގެކުރިންވެސް އިންޒާރު ދީފައެވެ.

ސިދޫ މަރާލުމުން ސަލްމާނު ވަނީ އޭނާގެ ސެކިއުރިޓީވެސް ވަރުގަދަ ކޮށްފައެވެ. ސަލްމާނާއި ސަލީމަށް މަރު އިންޒާރުދިން މައްސަލަ ފުލުހުން މިހާރު ތަޙުޤީޤު ކުރާއިރު 2018 ވަނަ އަހަރު ސަލްމާން މަރާލަން 4 ލައްކަ ރުޕީސްގެ އަގުހުރި ބަޑިއެއް ގަނެފައިވާކަމަށް ލޯރެންސް ވަނީ އެއްބަސްވެފައެވެ.

ލޯރެންސް މި ބަޑި އޯޑަރުކުރީ ދިނޭޝް ދަގަރު ކިޔާ މީހަކު މެދުވެރިކޮށެވެ. އަދި މީގެ ފައިސާ ހަވާލުކޮށްފައިވަނީ ދިނޭޝްގެ ރައްޓެއްސެއްކަމަށްވާ އަނިލް ޕާންޑޭ ކިޔާ މީހަކާއެވެ. އެ ބަޑި 2018 ވަނަ އަހަރު ދިނޭޝްގެ އަތުން ވަނީ ފެނިފައެވެ.

ލޯރެންސް ސަލްމާނު މަރާލާނެކަމަށް އިންޒާރު ދީފައިވަނީ އިންޑިއާގައި ހިމާޔަތްކޮށްފައިވާ ޖަނަވާރެއްކަމަށްވާ ބްލެކްބަކްސްގެ ގަޔަށް ބަޑި ޖަހާ މަރާލުމުންނެވެ. ލޯރެންސްގެ ޖަމާއަތުން ދެކޭގޮތުގައި ބްލެކްބަކްސް އަކީ ވަރަށް މާތް ޖަނަވާރެކެވެ.

1972 ވަނަ އަހަރު އާންމުކޮށްފައިވާ "ވައިލްޑް ލައިފް ޕްރޮޓެކްޝަން އެކްޓް" ގެ ދަށުން ބްލެކްބަކްސް ޝިކާރަކުރުމަކީ މަނާކަމެކެވެ.