ޚަބަރު

ޔޫކްރެއިނުން ގޮވާން ބޭރުކުރުމާ ގުޅޭ މަޝްވަރާތައް ފަށައިފި


ހަނގުރާމައިގެ ސަބަބުން މެދުކެނޑިފައިވާ ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓް ކުރުމުގެ ވިޔަފާރި އަލުން ފެށުމާ ގުޅޭ ގޮތުން މަޝްވަރާތައް ފަށައިފިއެވެ. އ.ދ.އިން އިސްނަގައިގެން ތުރުކީ ވިލާތުގެ އިސްތަންބޫލުގައި ފަށާފައިވާ މި މަޝްވަރާތަކުގައި ތުރުކީ ވިލާތުގެ އިތުރުން ޔޫކްރެއިނާއި ރަޝިޔާގެ އަސްކަރިއްޔާގެ އިސް އޮފިޝަލުން ބައިވެރިވެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު، ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް އެ ޤައުމުން ބޭރު ކުރުމަށް ވަނީ ހުރަސް އެޅިފައެވެ. ދުނިޔޭގެ ބާޒާރަށް ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ރަޝިޔާއާއި ޔޫކްރެއިން ހިމެނެއެވެ.

ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުގެ ބަނދަރުތަކުން މުދާ އެކްސްޕޯޓް ކުރުމަށް ހުރަސް އެޅިފައިވާ މި ދަނޑިވަޅުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ޤައުމުތަކަކަށް މި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ގޮވާމާއި، ކައްކާ ތެލާއި، ޕެޓްރޯލާއި ޑީސަލްގެ އިތުރުން ގަސްކާނާގެ އަގުތައް ވެސް ވަނީ އުފުލެން ފަށާފައެވެ.

“ވަރަށް ބުރަކޮށް މި ދަނީ މަސައްކަތް ކުރަމުން. ނަމަވެސް، ކުރަން އޮތް މަސައްކަތްތައް ގިނަ. ގިނަ ބަޔަކު ދަނީ ހައްލަކާ މެދު ވާހަކަ ދައްކަމުން. އަހަރުމެން މަސައްކަތް މި ކުރަނީ އަމަލީ ގޮތުން ހައްލެއް ހޯދަން،” މަޝްވަރާތަކާ ގުޅޭ ގޮތުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިޔޯ ގުތެރޭޝް ވިދާޅުވިއެވެ.

މި މަޝްވަރާތަކުގެ ބޭނުމަކީ ޔޫކްރެއިންގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ އޮޑެއްސާގައި ހުރި ގޮވާމުގެ ޝިޕްމަންޓުތައް ކަނޑުމަގުން އެކްސްޕޯޓު ކުރެވޭނެ މަގެއް ހޯދުމެވެ. އދން ހުށަހަޅާފައި ވަނީ، އޮޑެއްސާގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ހަރުކޮށްފައިވާ މައިންތަކުގެ ނުރައްކަލުން އާގުބޯޓުތައް ސަލާމަތް ކުރުމަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން މަސައްކަތް ކުރުމެވެ. އަދި، އެ ބޯޓުފަހަރު ދަތުރު ކުރާ ވަގުތު، އެ ސަރަޙައްދަށް ހަމަލާ ދިނުން ރަޝިޔާގެ އަސްކަރިއްޔާއިން ހުއްޓައިލުމެވެ.

މި ރޭވުމުގެ ދަށުން އދއާ ގުޅިގެން ތުރުކީ ވިލާތުން އާގުބޯޓުފަހަރު ބަލައި ފާސް ކުރާނެއެވެ. ބޭނުމަކީ، ރަޝިޔާއިން އެދިފައިވާ ގޮތަށް ޔޫކްރެއިނަށް ހަތިޔާރު އެތެރެކުރުން ހުއްޓުވުމެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، އޮޑެއްސާ މަގުން ގޮވާމުގެ ޝިޕްމަންޓުތައް ބޭރު ކުރުމަށް މަގުފަހުކޮށްދޭން އެ ޤައުމުން ތައްޔާރަށް އޮތް ކަމުގައެވެ.