ކުޅިވަރު

ޓެންޓް މޮޅުވިއިރު، ކެޕިޓަލް ސިޓީ ޓީމު ހަމައެއްނުވި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުޅުން ފަށައިފިއެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ 16 ޓީމެއް ވާދަކުރާއިރު، މި ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. މުބާރާތުގެ ކުޅުން ބުދަ ދުވަހު ފެށިއިރު، ގައުމީ ފުޓްބޯޅަ ދަނޑުގައި ދަނޑުގައި ގްރޫޕް އެކެއްގެ ދެ މެޗު ކުޅުމަށް އޮތީ ތާވަލުކޮށްފައެވެ.

އެގޮތުން ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ކުލަބު ޕީކޭ އަތުން 4-1 ގެ ނަތީޖާއަކުން ޓެންޓް ވަނީ މޮޅުވެފައެވެ.

މި މެޗުގެ 18 ވަނަ މިނެޓުގައި ޓެންޓަށް ލީޑު ނަގައިދިނީ އަރާޝް އައްސަދެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ސްރީ ލަންކާ ގައުމީ ޓީމުގެ މުޙައްމަދު ފަސަލް ވަނީ އެ ޓީމަށް ލީޑުފުޅާކޮށްދީފައެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަޙްމަދު އަބްދުލް އަޒީޒް ވަނީ ޕީކޭއަށް ލަނޑެއް ޖަހައިދިނީ، ފަރަގު ކުޑަކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އަރާޝް ވަނީ އިތުރު ލަނދެއް ޖަހައި، ޓެންޓަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އަދި ޓެންޓުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ޔޫޝައު ބިން އަލީ ނަޝީދެވެ.

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އެކެއްގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެރޭ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅެން އޮތް ކެޕިޓަލް ސިޓީގެ ޓީމާއި އޮފިޝަލުން ގަވާއިދު ބުނާ ވަރަށް ހަމަނުވުމުގެ ސަބަބުން، މެޗު ރެފުރީއާ މަޝްވަރާކުރުމަށް ފަހު އެ ގަވާއިދުގެ ތެރެއިން އެފްއޭއެމުގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ވަނީ އެ މެޗުން ސިފައިންގެ ކުލަބު މޮޅުވީ ކަމަށް ނިންމާފައެވެ. އެއާއެކު ސިފައިންނަށް ވަނީ ފައިދާ ދެ ލަނޑާއި ތިން ޕޮއިންޓް ލިބިފައެވެ.

މި ފަހަރުގެ ދެވަނަ ޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ގައުމީ ފުޓްބޯޅަ ދަނޑުގެ އިތުރުން މާފަންނު ޓާފް ދަނޑާއި ވިލިމާލޭގައި ދާދިފަހުން ހުޅުވި ޓާފް ދަނޑުގައެވެ. މުބާރާތް ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ފުޓުބޯޅައިގައި މީގެކުރިން ރަސްކަންކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބުވެސް ވާދަކުރާނެއެވެ. އެ ދެ ޓީމު ހިމެނިފައިވަނީ ގްރޫޕް ދޭއްގައެވެ.