ހުކުރު ދުވަހު ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕަށް ދިވެހި ހުރިހާ އެތުލީޓުންވެސް ރަނގަޅު ފޯމަކަށް ގެނެވިފައިވާ ކަމަށް ގައުމީ ޓީމުގެ ކޯޗު ހޮންގް ވޮންގް ބުނެފިއެވެ.
މި ފަހަރުގެ މުބާރާތަށް އަމާޒުކޮށް ގައުމީ ބޮޑީބިލްޑިން ޓީމާ ހަވާލުވި ހޮންގް ވޮންގް ވަނީ 1999 ވަނަ އަހަރުގެ މިސްޓަ އޭޝިއާ ކާމިޔާބުކޮށްފައެވެ. އަދި މީގެ ކުރިން ރާއްޖޭގެ ބޮޑީބިލްޑިން ކުރިއަރުވަން ހޮންގް ވޮންގް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން މައުލޫމާތުދެއެވެ.
މި ފަހަރުގެ މުބާރާތަށް ޚާއްސަކޮށް ޕީއެސްއެމްއިން ގެނެސްދެމުން އަންނަ ކައުންޓްޑައުން ޝޯގައި ވާހަކަދައްކަމުން ކޯޗު ވޮންގް ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ހުރިހާ އެތުލީޓުންވެސް، އެ އެތުލީޓުންގެ ހަޔާތުގައި ގެނެވޭނެ އެންމެ ރަނގަޅު ފޯމަކަށް ގެނައުން ކަމަށެވެ. އަދި ބޮޑީބިލްޑިންއިން ރާއްޖެއަށް ވަރަށް ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.
"މަސައްކަތު ރޭޓު، ހަށިގަނޑު ބަލަހައްޓާ ގޮތް، އަދި އެކަމަށް އެ އޮންނަ ޝައުގު މި ދުވަސްތަކުގައި އަހަންނަށް ފެނުނު. އެކަންކަމަށް ބަލާފަ ގަބޫލުކުރެވޭ ރާއްޖެއަށް މި ކުޅިވަރުން ވަރަށް ކުރިއަށްދެވިދާނެކަން. ކުރިޔަށް އޮތް މުބާރާތުން ދިވެހި އެތުލީޓުންގެ ތަފާތު ފެނިގެންދާނެ ކަމަށް ގަބޫލުކުރެވޭ." ވޮންގް ބުންޏެވެ.
މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު މުބާރާތަށް ރާއްޖެ ތައްޔާރު ކަމަށާއި، ހުރިހާ އެތުލީޓުންވެސް ތިބީ ހިތްހަމަޖެހޭ ފެންވަރަކަށް ބައްޓަންކުރެވިފައި ކަމަށް ވޮންގް ވަނީ ބުނެފައެވެ.
ހުކުރު ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައި ބާއްވާ މި މުބާރާތުގައި އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. ރާއްޖެއިން މި މުބާރާތުގައި 20 އެތުލީޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ރާއްޖެއަށް މީގެކުރިން މެޑެލް ހާސިލުކޮށްދިން އެތުލީޓުންނާއި އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ އެތުލީޓުން ހިމެނެއެވެ.
މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.