ޚަބަރު

އޮމިކްރޯންއާ ދެކޮޅަށް އެމެރިކާގައި ފިޔަވަޅުތައް ވަރުގަދަ ކުރަނީ


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ އޮމިކްރޯންގެ ސަބް-ވޭރިއަންޓްތައް ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން އެމެރިކާއިން ނިންމައިފިއެވެ. އެމެރިކާގައި މިހާރު ކޮވިޑް ޖެހެމުންދާ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ އޮމިކްރޯންގެ ސަބް-ވޭރިއަންޓެއް ކަމުގައިވާ ބީއޭ.5 ޖެހިފައިވާ މީހުންނެވެ.

މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 65 އިންސައްތަ މީހުންނަށް މި ބަލި ޖެހިފައި ވަނީ ބީއޭ.5 ސަބް-ވޭރިއަންޓްގެ ސަބަބުންނެވެ. އެހެން ވޭރިއަންޓުތަކާ އަޅައިބަލާއިރު ބީއޭ.5 އަކީ ވަރަށް ހަލުވި ކަމާއެކު ފެތުރޭ ބައްޔެކެވެ. މީގެ އިތުރުން، ކޮވިޑް ޖެހޭ މީހުންގެ އަނެއް 15 އިންސައްތަ މީހުންނަކީ އޮމިކްރޯންގެ ބީއޭ.4 ސަބް-ވޭރިއަންޓްގެ ސަބަބުން ބަލި ޖެހިފައިވާ މީހުންނެވެ.

މި ސަބް-ވޭރިއަންޓްތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސްގެ ޞިއްޙަތާ ބެހޭ މުޝީރު ޑރ އެންތަނީ ފައުޗީ ވިދާޅުވީ، މިއީ ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓެއް ނަމަވެސް، މި ވޭރިއަންޓުގެ ސަބަބުން ބަލި ޖެހޭ މީހުންނަށް ކުރިމަތިވާ ޞިއްޙީ މައްސަލަތައް ކުޑަ ކަމުގައެވެ. އަދި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް މަދު ކަމުގައި އޭނާ ވިދާޅުވިއެވެ.

“އިތުރު ވޭރިއަންޓްތައް ދާނީ އުފެދެމުން. މި ޤައުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން. އަހަރެމެންގެ ޢާންމު ދިރިއުޅުމަށް މި ކަމުގެ އަސަރު ކުރިޔަދީގެން ނުވާނެ. ނަމަވެސް، މިއީ ހަޤީޤަތެއް ކަމާއި، މި ކަމާ ކުރިމަތިލާން ޖެހޭނެ ކަން ހަނދާން ނައްތައިލައިގެން ނުވާނެ،” ފައުޗީ ވިދާޅުވިއެވެ.

މި ސަބް-ވޭރިއަންޓްތައް ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވައިޓް ހައުސްއިން ނިންމާފައިވާއިރު، މީގެ ތެރޭގައި ކޮވިޑް-19ގެ ވެކްސިންގެ ބޫސްޓަރ ނުވަތަ ތިން ވަނަ ޑޯޒު ޖެހުމަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ގޭގައި ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ފަސޭހަ ކުރުމާއި، ފަސޭހައިން މާސްކު ފަދަ ތަކެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މި ސަބް-ވޭރިއަންޓްތަކާ ގުޅިގެން އެމެރިކާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިތުރުވެގެން ދާނެ ކަމަށް ވައިޓް ހައުސްއިން އަންދާޒާ ކުރެއެވެ. މި ކަމާ ކުރިމަތިލުމުގެ ގޮތުން، އައި.ސީ.ޔޫ.ގައި އަދި ހޮސްޕިޓަލުގައި އެޑްމިކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު މަދުކޮށް، މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ވައިޓް ހައުސްގެ ކޮވިޑް-19 ރެސްޕޮންސް ކޯޑިނޭޓަރ އަޝީޝް ޖާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ އައު ވޭރިއަންޓުތައް ފެތުރެން ފެށުމާ އެކު އެމެރިކާގެ ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ (އެފް.ޑީ.އޭ)އިން ވަނީ، މި ވޭރިއަންޓުތަކުން ރައްކާތެރިކަން ލިބޭނެ ގޮތަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިންތަކަށް ބަދަލު ގެނައުމަށް ވެކްސިން އުފައްދާ ކުންފުނިތަކަށް ގޮވައިލާފައެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 88.8 މިލިޔަނަށް އަރާފައެވެ. އަދި، މި ބަލީގައި މަރުވި މީހުންގެ އަދަދު މި ވަނީ 1.02 މިލިޔަނަށް އަރާފައެވެ. އެމެރިކާގެ ކޮންމެ ތިން މީހަކުން އެކަކަށް މިހާރު މި ބަލި ޖެހިފައިވާ ކަމަށް ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ)އިން ބުނެއެވެ. މިއީ، ރަސްމީކޮށް އިޢުލާނުކޮށްފައިވާ ތަފާސްހިސާބުތަކަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.