ސްރީލަންކާގެ ކުރީގެ މާލީ ވަޒީރު ބަސިލް ރާޖަޕަކްސަ ފިލައިގެން ޤައުމު ދޫކޮށް ދިޔުމަށް މަސައްކަތް ކުރަނިކޮށް ހުއްޓުވައިފިއެވެ.
އޭޕްރިލް މަހުގެ ތެރޭގައި އިސްތިޢުފާ ދެއްވި ބަސިލް ފިލައިގެން ދާން މަސައްކަތް ކޮށްފައި ވަނީ ކޮން ޤައުމަކަށް ކަން ސާފެއް ނޫނެވެ. ނަމަވެސް، ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކޮއްކޯފުޅު ކަމުގައިވާ ބަސިލްއަކީ ސްރީލަންކާގެ އިތުރުން އެމެރިކާގެ ވެސް ރައްޔިތެކެވެ.
ބަސިލް އިސްތިޢުފާ ދެއްވާފައި ވަނީ ތެލާއި ކާބޯތަކެތިގެ އިތުރުން އެހެނިހެން ޒަރޫރީ ސާމާނު ލިބުން ދަތިވުމާ ގުޅިގެން ޢާންމު ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ. މާލީ ވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވުމުގެ އިތުރުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވެސް ދޫކޮށްލައްވާފައެވެ.
ސްރީލަންކާގެ އިޤްތިޞާދީ ހާލަތު ގޯސްވުމާ ގުޅިގެން ޢާންމު ރައްޔިތުން މަގުތަކަށް ނިކުމެ ހުކުރު ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކާ އެކު އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރަށް މި ވަނީ އިސްތިޢުފާ ދެއްވަން މަޖުބޫރުވެފައެވެ. ރައީސް ގޮޔަބަޔާ ރާޖަޕަކްސަ އިސްތިޢުފާ ދެއްވާނެ ކަން ވަނީ އިޢުލާނު ކުރައްވާފައެވެ.
ގޮތަބަޔާ އިސްތިޢުފާ ދެއްވާނެ ކަން އިޢުލާނު ކުރެއްވީ މުޒާހަރާގެ ބައިވެރިންތަކެއް ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވަދެ އެ ތަން ހިސާރު ކުރުމާ ގުޅިގެންނެވެ. ޖުލައި މަހުގެ 20 ވަނަ ދުވަހު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ރައީސް ގޮތަބަޔާގެ ބަދަލުގައި އައު ރައީސަކު ޢައްޔަން ކުރާނެއެވެ.
ސްރީލަންކާގެ މައި އިދިކޮޅު ޕާޓީން ވަނީ އެ މަޤާމަށް އެ ޕާޓީގެ އިސްވެރިޔާ ސަޖިތު ޕްރެމަދާސަގެ ނަން ހުށަހަޅާފައެވެ. އޭނާއަކީ، އަވަހާރަ ކޮށްލާފައިވާ ސްރީލަންކާގެ ކުރީގެ ރައީސް ރަނާސިންހް ޕްރެމަދާސަގެ ދަރިކަލުންނެވެ.