ޚަބަރު

ދުނިޔޭގެ އެންމެ ދުވަސްވީ ގަސްތައް ހިމެނޭ ޖަންގަލީގައި ރޯވެއްޖެ


އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ ޔޮސެމިޓީ ނޭޝަނަލް ޕާކުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލުމަށް މަސައްކަތް ކުރަމުން އެބަދެއެވެ. ޔޮސެމިޓީއަކީ މި ވަގުތު ދިރިހުރި އެންމެ އުމުރުން ދުވަސްވީ ގަސްތައް ކަމުގައިވާ ސެކޯޔާ ގަސްތައް ހުންނަ ޕާކެކެވެ.

ޕާކުގައި ރޯވެ، އަލިފާންގަނޑުތައް ފެތުރެން ފަށާފައިވާ ހަތަރު ދުވަސް ވެފައިވާ އިރު، ސެކޯޔާ ގަސްތަކަށް އަދި އަލިފާނުގެ އަސަރު ކޮށްފައެއް ނުވެއެވެ. މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޕާކުގެ އަލިފާން ނިއްވާ ޓީމުތަކުން ބުނެއެވެ.

މި އަލިފާންގަނޑާ އެކު ޔޮސެމިޓީ ޕާކުގެ 827 ހެކްޓަރުގެ ސަރަޙައްދެއް އަނދާފައިވާ އިރު، ސެކޯޔާ ގަސްތައް ހުންނަ މަރިޕޯސާ ގްރޫވްއާ ހަމައަށް އަދި އަލިފާންގަނޑުތައް ފޯރާފައެއް ނުވެއެވެ. މަރިޕޯސާ ގްރޫވްގައި 500 އަށްވުރެ ގިނަ ސެކޯޔާ ގަސް ހުރެއެވެ. މީގެ ތެރެއިން ދަ ގްރިޒްލީ ޖަޔަންޓުގެ ނަން ދީފައިވާ އެއް ގަހަކީ 3,000 އަހަރަށްވުރެ ގިނަ ދުވަސްވީ ގަހެކެވެ. މި ގަސްތަކަށް އަލިފާންގަނޑު ވާސިލުވިޔަ ނުދިނުމުގެ ގޮތުން ގަސްތައް ކައިރީގައި ފެން ޖަހާ ނިޒާމުތަކެއް ވަނީ ޤާއިމު ކޮށްފައެވެ. ތިމާވެއްޓާ ބެހޭ މާހިރުން ބުނީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މި ގަސްތަކުގެ ޞިއްޙަތަށް ގެއްލުންވަމުން ދާ ކަމުގައެވެ. އަދި، އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމުގެ ފުރުޞަތު މިހާރު ކުޑަވަމުންދާ ކަމުގައެވެ.

މި ގަސްތައް ހިމެނޭ ސަރަޙައްދަށް ހޮނު އެޅުމުގެ ސަބަބުން ދޭތެރެދޭތެރެއިން އަލިފާނުގެ ހާދިސާތައް ހިނގައެވެ. ތިމާވެއްޓާ ބެހޭ މާހިރުން ބުނަނީ، މިފަދަ އަލިފާނުގެ ހާދިސާތަކަކީ ކެލިފޯނިޔާގެ ރެޑްވުޑް ފޮރެސްޓްގެ ޞިއްޙަތަށް ރަނގަޅު ކަމެއް ކަމުގައެވެ. ނަމަވެސް، ފަހަކަށް އައިސް ސެކޯޔާ ގަސްތައް ހެދިފައިވާ ސަރަޙައްދަށް އަލިފާނުގެ ސަބަބުން ލިބެމުންދާ ގެއްލުން ވަނީ އިތުރުވެފައެވެ.