މިއަހަރު ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އެރިނަމަވެސް، ދުނިޔޭގެ އާބާދީ އިތުރުވާ މިންވަރު މަޑުޖެހެމުންދާކަމަށް އދ.އިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފިއެވެ،
އދއިން މިއަދު ނެރުނު ރިޕޯޓެއްގައި މިކަން ހާމަކޮށްފައިވާއިރު، މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ އާބާދީގެ ދުވަހެވެ.
އދއިން ނެރުނު ޕޮޕިއުލޭޝަން ޕްރޮސްޕެކެޓް ރިޕޯޓްގައިވާ ގޮތުން މިވަގުތު ދުނިޔޭގެ އާބާދީ 7.942 ބިލިއަންގައި އުޅޭއިރު މިއަހަރުގެ ނޮވެމްބަރުމަހު ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާނެއެވެ.
އދއިން ލަފާކުރާގޮތުގައި 2030 ވަނަ އަހަރު ދުނިޔޭގެ އާބާދީ 8.5 ބިލިއަނަށް، 2050 ވަނަ އަހަރު 9.7 ބިލިއަން އަދި 2080ގެ އަހަރުތަކުގައި ދުނިޔޭގެ އާބާދީ 10.4 ބިލިއަނަށް އަރާނެއެވެ. އަދި އެ އަދަދުތަކުގައި 2100 ވަނަ އަހަރާއި ހަމައަށް ދާނެކަމަށްވެސް އދއިން ނެރުނު ރިޕޯޓްގައި ލަފާކޮށްފައިވެއެވެ.
ދުނިޔޭގެ އާބާދީ 7.9 ބިލިއަންގައި އުޅޭއިރު، އެންމެ ގިނައީ ފިރިހެނުންކަމަށް އދގެ ރިޕޯޓްގައިވެއެވެ. މިގޮތުން ދުނިޔޭގެ އާބާދީގެ 50.3 އިންސައްތައަކީ ފިރިހެނުންނެވެ. އަދި އަންހެނުން ހިއްސާކުރަނީ 49.7 އިންސައްތައެވެ.
މި ރިޕޯޓްގައިވާ ގޮތުން 2050 ވަނަ އަހަރާއި ހަމައަށްދާއިރު ދުނިޔޭގެ އާބާދީއަށް އިތުރުވާ މީހުންގެ ދެބައިކުޅަ އެއްބައި ނިސްބަތްވާނީ 8 ޤައުމަކަށެވެ. އެއީ ކޮންގޯ، މިސްރު، އިތިއޯޕިއާ، އިންޑިއާ، ނައިޖީރިޔާ، ޕާކިސްތާނު، ފިލިޕީންސް އަދި ޓެންޒޭނިއާއެވެ.
ދުނިޔޭގެ އާބާދީ މިއަހަރު 8 ބިލިއަނަށް އަރާނެކަމަށް ލަފާކޮށްފައިވާއިރު، މިހާރު ދުނިޔޭގެ އާބާދީ އެންމެ ބޮޑު ޤައުމަކީ 1.426 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާއެވެ. ދެވަނައަށް އެންމެ އާބާދީ ބޮޑީ 1.412 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއެވެ. އދގެ ރިޕޯޓް ބުނާގޮތުން އަންނަ އަހަރު ޗައިނާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އާބާދީ އެންމެ ބޮޑު ޤައުމަކަށް އިންޑިއާވާނެއެވެ.
ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އެމެރިކާއަށް ބަލާއިރު، 2050 ވަނަ އަހަރާއި ހަމައަށް ޗައިނާއާއި އިންޑިއާގެ ފަހަތުން 3 ވަނަ މަޤާމުގައި އެމެރިކާ ދެމިއޮންނާނެކަމަށް މި ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. މި 3 ޤައުމަށްފަހު 2050 ވަނަ އަހަރާއި ހަމައަށްދާއިރު ދުނިޔޭގެ އާބާދީ އެންމެ ބޮޑެތި ޤައުމުތަކުގެ ތެރޭގައި އޮންނާނީ ޕާކިސްތާނު، އިންޑޮނޭޝިޔާ، ބްރެޒިލް، ކޮންގޯ، އިތިއޯޕިއާ އަދިި ބަންގްލަދޭޝްއެވެ. ރިޕޯޓްގައިވާ ގޮތުން 2050 ވަނަ އަހަރާއި ހަމައަށްދާއިރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު 10 ޤައުމުގެ ތެރޭގައި މިހާރު ހިމެނޭ މެކްސިކޯ އާއި ރަޝިޔާ އެ ލިސްޓުން އުނިވާނެއެވެ.
އދގެ ރިޕޯޓްގައިވާ ގޮތުން 2050 ވަނަ އަހަރާއި ހަމައަށްދާއިރު ދުނިޔޭގެ 61 ޤައުމެއް ނުވަތަ ސަރަހައްދެއްގެ އާބާދީއަށް 1 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު މަދުވުމެއް އަންނާނެއެވެ. މިޤައުމުތަކުގެ ތެރެއިންވެސް ބަލްގޭރިއާ، ލެޓްވިއާ، ލިތުއޭނިއާ، ސާބިއާ އަދި ޔޫކްރެއިންގެ އާބާދީން 20 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު މަދުވުމެއް އަންނާނެއެވެ.
ދުނިޔޭގެ އާބާދީއާ ގުޅޭގޮތުން އދއިން ނެރުނު ރިޕޯޓްގައި ބުނީ މިދިޔަ އަހަރު ދުނިޔޭގެ އާބާދީ އިތުރުވި މިންވަރު ހުރީ 1 އިންސައްތައަށްވުރެ ދަށުގައިކަމަށާއި، މިއީ 1950 ވަނަ އަހަރުގެ ފަހުން މިއަދަދު މިހާ ދަށަށްދިޔަ ފުރަތަމަ ފަހަރުކަމަށެވެ.
އާބާދީ އިތުރުވަމުންދާ އިންސައްތަ ދަށަށްދާއިރު، ޒުވާން އުމުރުގެ މީހުންގެ އާބާދީއަށްވުރެ އުމުރުން 65 އަހަރުން މަތީގެ މީހުންގެ އާބާދީ އިތުރުވަމުން ދުވެލި ހަލުވިކަމަށް މި ރިޕޯޓްގައިވެއެވެ. އަދި މިދިޔަ އަހަރު އުމުރުން 65 އަހަރުން މަތީގެ މީހުންގެ އާބާދީ 10 އިންސައްތައިން އިތުރުވިއިރު، 2050 ވަނަ އަހަރާއި ހަމައަށްދާއިރު މިނިސްބަތް 16 އިންސައްތައަށް އިތުރުވާނޭކަމަށް އދއިން ނެރުނު ޕޮޕިއުލޭޝަން ޕްރޮސްޕެކެޓް ރިޕޯޓްގައިވެއެވެ.