ކުޅިވަރު

އަރާމު ހޮލިޑޭޒް މިޔަޓް ފުޓްސަލް ފިއެސްޓާ ފަށައިފި


މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ "އަރާމު ހޮލިޑޭޒް މިޔަޓް ފުޓްސަލް ފިއެސްޓާ 2022" ގެ ކުޅުން ފަށައިފިއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އެގޮތުން އެންމެފަހުން މި މުބާރާތް ބޭއްވީ 2019 ވަނަ އަހަރުގައެވެ.

ޖުމްލަ 14 ޓީމާއެކު ހޯމަ ދުވަހުގެރޭ ކ. ތުލުސްދޫގައި ފެށި މި މުބާރާތަކީ ގްރޭޓާ މާލޭ އޭރިއާ ފިޔަވައި، މާލޭ އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު އެއް މުބާރާތެވެ. މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި މިޔަޓް ޖަމުއިއްޔާގެ ރައީސް މުޙައްމަދު ހަމީދާއި އަރާމު ހޮލިޑޭޒްގެ ޑިރެކްޓަރު އާދަމް ނަސީމުގެ އިތުރުން ތުލުސްދޫ ކައުންސިލް ރައީސް އަސްލަމް މޫސާ އަދި މާލޭ އަތޮޅު ކައުންސިލުގެ ސީނިއާ އެގްޒެކުޓިވް ކައުންސިލް އޮފިސަރު އަޙްމަދު ފިރާގުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚާއްސަ ހަރަކާތަކާއެކު ފެށި މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ޗެމްޕިއަން ޓީމަށް ދޭ ޓްރޮފީ ދައްކާލާފައެވެ. އެ ޓްރޮފީގައި އަތޮޅުގެ ނުވަ ރަށުގެ ނަން ހިމެނެއެވެ. މީގެއިތުރުން މަރްހޫމް މުޙައްމަދު ނިޔާޒުގެ ހަނދާނުގައި ވަނީ ސުކޫތެއް ގެނެސްފައެވެ.

މި މުބާރާތުގައި ފުރަތަމަ ކުޅެފައިވަނީ ގްރޫޕް އޭގެ ދެ މެޗުތަކެވެ. އެގޮތުން ހޯމަ ފުރަތަމަ މެޗުގައި ޓީމު ކުޑަވިލިނގިލިއާ ވާދަކޮށް 5-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ އެމްޕަޔާއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މުބާރާތުގެ ޗެމްޕިއަންކަން ވޭތުވެދިޔަ ދެ މުބާރާތުގައިވެސް ހޯދާފައިވަނީ ކަންމަތި އެފްސީންނެވެ. މިފަހަރުގެ މުބާރާތުގައިވެސް އެ ޓީމު އަންނަނީ ވާދަކުރަމުންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ.