ޚަބަރު

ޔޫކްރެއިން، އިތިޔޯޕިޔާ އަދި މޮޒަމްބީކުގައި މަރައިލާފައިވާ ކުޑަކުދިންގެ މައްސަލަތައް ބަލަނީ


ޔޫކްރެއިނާއި އިތިޔޯޕިޔާގެ އިތުރުން މޮޒަމްބީކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވެފައިވާ ކުޑަކުދިންގެ މައްސަލަތައް ބަލާނެ ކަމުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ އ.ދ.އިން ކޮންމެ އަހަރު ނެރޭ ޗިލްޑްރަން އެންޑް އާމްޑް ކޮންފްލިކްޓް ރިޕޯޓުގައެވެ.

މި ރިޕޯޓަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމައާއި އެހެނިހެން ހަމަނުޖެހުންތަކުގައި ކުޑަކުދިންގެ ފުރާނައަށް ނުރައްކާ ވެފައިވާ މިންވަރު ދެނެގަތުމަށް އ.ދ.އިން ހިންގާ ތަހުޤީޤާ ގުޅޭ ޚާއްޞަ ރިޕޯޓެކެވެ. 2021 ވަނަ އަހަރު އެކި ހަނގުރާމަތަކުގައި 2,515 ކުޑަކުދިން މަރުވެފައިވާ ކަމަށާއި، 5,555 އަށްވުރެ ގިނަ ކުޑަކުދިން ނުކުޅެދިފައިވާ ކަމުގައި މި ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

މި ރިޕޯޓުގައި ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، 2021 ވަނަ އަހަރު ފާހަގަ ކުރެވެނީ ގިނަ ޤައުމުތަކެއްގެ ކުޑަކުދިންނަށް ނުރައްކާތެރި އަދި ބިރުވެރި އަހަރެއްގެ ގޮތުގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް 6,310 އަށްވުރެ ގިނަ ކުޑަކުދިން މިދިޔަ އަހަރު ރެކްރޫޓު ކޮށްފައިވެއެވެ. މީގެ އިތުރުން، ވަގަށް ގެންދިޔުމާއި، ޖިންސީ އަނިޔާއާއި، ސްކޫލުތަކާއި ޞިއްޙީ ފަރުވާ ހޯދާ މަރުކަޒުތަކަށް ދީފައިވާ ހަމަލާތައް އިތުރުވުމާއި، ކުޑަކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަޅައިލުން ނުލިބުން ވެސް މިދިޔަ އަހަރު އިތުރުވެފައިވާ ކަމުގައި އ.ދ.ގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ކުޑަކުދިންގެ ފުރާނައަށް ނުރައްކާވުމުގެ ހާދިސާތައް އެންމެ ގިނައިން ހިންގާފައިވާ ޤައުމުތަކުގެ ތެރޭގައި ޔަމަން، ސޫރިޔާ، އަފްޣާނިސްތާން، ކޮންގޯ އަދި ސޮމާލިޔާގެ އިތުރުން ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް އިސްރާޢީލުން ހިންގާ ލާއިންސާނީ އަމަލުތައް ފާހަގަ ކުރެވެއެވެ. ގުތެރޭޝް ވިދާޅުވީ، މި އަހަރުން ފެށިގެން ޔޫކްރެއިނާއި، އިތިޔޯޕިޔާ އަދި މޮޒަމްބީކުގެ ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތައް ދިރާސާކޮށް، އަންނަ އަހަރުގެ ރިޕޯޓުގައި ހިމަނާނެ ކަމުގައެވެ.

ހަނގުރާމައިގެ މައިދާންތަކުގައި ދިރިއުޅޭ ކުޑަކުދިންގެ ހާލަތާ ގުޅޭ ކަންކަން ބަލަހައްޓާ ގުތެރޭޝްގެ ސަފީރު ވަރޖިނިޔާ ގެމްބާ ވިދާޅުވީ، މި އަހަރަކީ ޔޫކްރެއިނުގެ ކުޑަކުދިންނަށް ނުރައްކާތެރި އަދި ބިރުވެރި ކަމުން ފުރިފައިވާ އަހަރެއް ކަމުގައެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ، ހަނގުރާމައިގެ ނަމުގައި ދެމުންދާ ހަމަލާތައް ކުޑަކުދިންގެ ސްކޫލުތަކާއި ހޮސްޕިޓާ ފަދަ ޢިމާރާތްތަކަށް އަމާޒު ކުރަމުން ދިޔުމެވެ.

މި ފަދަ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާ ކަމަށާއި، އެތައް ސަތޭކަ ކުޑަކުދިންނަކަށް ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ގެމްބާ ވިދާޅުވިއެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި، ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި ޢިމާރާތްތަކަށް ހަމަލާތައް އަމާޒު ކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް އެ ޤައުމުން ދޮގު ކުރެއެވެ.

އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިސްވެރިޔާ މިޝެލް ބެޝެލޭ ވިދާޅުވީ، މި ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި މަރުވެފައިވާ ޢާންމުންގެ އަދަދު 4,889 އަށްވުރެ މައްޗަށް އަރާފައިވާ ކަމުގައެވެ. މީގެ ތެރޭގައި 335 ކުޑަކުދިން ވެސް ހިމެނެއެވެ. މިއީ އަންދާޒާއެއް ކަމަށް ވިދާޅުވެ، މި އަދަދު ހަޤީޤަތުގައި މިއަށްވުރެ މަތިވާނެ ކަމުގައި ވެސް ބެޝެލޭ ވިދާޅުވިއެވެ.

މި ރިޕޯޓުގައި، ކުޑަކުދިންގެ ފުރާނައަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ ޤައުމުތައް ހިމެނޭ ބްލެކް ލިސްޓެއް ވެސް ހިމެނެއެވެ. ނަމަވެސް، މި ލިސްޓުގައި ދުވަހަކު ވެސް ނުހިމެނޭ އެއް ޤައުމަކީ ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އިސްތިއުމާރީ ބާރު ހިންގަމުންދާ އިސްރާޢީލެވެ. ނަމަވެސް، އިސްރާޢީލު ސިފައިން ފަލަސްތީނުގެ ކުށެއް ނެތް ކުޑަކުދިންނަށް އަމާޒުކޮށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ މަޢުލޫމާތު ރިޕޯޓުގައި ހިމަނާފައިވެއެވެ.

2021 ވަނަ އަހަރަކީ، ފަލަސްތީނުގެ މުސްލިމް ކުޑަކުދިންނަށް ވަރަށް ކަޅު، އަނދިރި އަހަރެކެވެ. ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް އިސްރާޢީލުގެ ސިފައިން ދީފައިވާ ތަފާތު ހަމަލާތަކުގައި 78 ކުޑަކުދިން ވަނީ ޤަތުލު ކޮށްލާފައެވެ. އަދި، އިސްރާޢީލުގެ ސިފައިންގެ އަމަލުތަކުގައި ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހުނު ކުޑަކުދިންގެ އަދަދު 982 އަށްވުރެ މައްޗަށް އަރައެވެ. މިދިޔަ އަހަރުގެ ތެރޭގައި އިސްރާޢީލުން ވަނީ ފަލަސްތީނުގެ ކުށެއް ނެތް 637 އަށްވުރެ ގިނަ ކުޑަކުދިން ހައްޔަރު ވެސް ކޮށްފައެވެ.

މި ކަމާ ގުޅިގެން ގުތެރޭޝް ވަނީ އިސްރާޢީލަށް އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް ހިންގަމުންދާ މި ފަދަ އަމަލުތައް މަދު ނުކޮށްފި ނަމަ، އަންނަ އަހަރުގެ ރިޕޯޓުގެ ބްލެކް ލިސްޓުގައި އިސްރާޢީލު ހިމަނާނެ ކަމުގައެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ގުތެރޭޝް ވިދާޅުވެފައި މި ވަނީ، ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓައިލާ ވާހަކަ ނޫން ކަމެވެ. ނަމަވެސް، އެ ފަދަ އަމަލުތައް މަދުކުރާ ވާހަކަ ކަމެވެ.