ޚަބަރު

ޝަންގްހާއީގައި އޮމިކްރޯންގެ އައު ސަބްވޭރިއެންޓެއް ފެތުރެނީ


ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝަންގްހާއީގައި ކޮވިޑް-19ގެ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯންގެ ސަބްވޭރިއެންޓެއް ހަލުވި ކަމާއެކު ފެތުރެން ފަށައިފިއެވެ. ޝަންގްހާއީން ފެނިފައި ވަނީ އޮމިކްރޯންގެ ބީ.އޭ.1.2.5 ވޭރިއަންޓެވެ.

ޝަންގްހާއީގެ ޞިއްޙަތާ ބެހޭ ކޮމިޝަނުން ބުނީ އޮމިކްރޯންގެ ސަބްވޭރިއަންޓް ޖެހިފައިވާ މީހަކު ފެނިފައި ވަނީ ޕުޑޯންގ ޑިސްޓްރިކްޓުން ކަމަށާއި، އެ މީހާއަކީ ބޭރު ޤައުމަކަށް ދަތުރުކޮށްފައި އެނބުރި ޝަންގްހާއީއަށް އެނބުރި އައި މީހެއް ކަމުގައެވެ. އަދި، މި ވޭރިއަންޓް ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށާއި، ޕެންޑެމިކްގެ ހާލަތަކަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު ކަމުގައި ވެސް އެ ކޮމިޝަނުން ބުނެވެ.

ޗައިނާގެ އިރުމަތީގައިވާ ޝަންގްހާއީގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އިޢުލާނުކޮށްފައި އޮތް ފުރަބަންދުގެ ހާލަތު އުވައިލާފައި ވަނީ ޖޫން މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް، ކޭސްތައް އަދިވެސް ފެންނަމުންދާތީ އެ ޤައުމުގައި ތަންފީޒު ކުރަމުންދާ ޒީރޯ ކޮވިޑް ސިޔާސަތުގެ ދަށުން ކޭސްތައް ފެންނަ ހުރިހާ ސަރަޙައްދެއް ބަންދުކޮށް އެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މަހުގެ 12 އަދި 14 ވަނަ ދުވަހު ޝަންގްހާއީގެ ގިނަ ޑިސްޓްރިކްޓުތަކެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ކޮވިޑަށް ޓެސްޓު ހަދާނެ ކަމުގައި ވެސް ޞިއްޙަތާ ބެހޭ ކޮމިޝަނުން ބުނެއެވެ. އޮމިކްރޯންގެ ބީ.އޭ.5 ވޭރިއަންޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ދަނީ ފެތުރެމުންނެވެ. މި ވޭރިއަންޓް ޖެހިފައިވާ މީހަކު ޗައިނާއިން ފުރަތަމަ ފެނުނީ މޭ މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ، ޔުގާންޑާއަށް ދަތުރު ކުރުމަށް ފަހު އެނބުރި އައި މީހެއްގެ ހަށިގަނޑުންނެވެ.

މި ވޭރިއަންޓަކީ ހަލުވި ކަމާއެކު ގައިންގަޔަށް އަރާ ބައްޔެއް ނަމަވެސް، ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް މި ވޭރިއަންޓް ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތައް މަދެވެ. އަދި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމުގެ ފުރުޞަތު ވެސް ކުޑައެވެ.