ޚަބަރު

ސަޢޫދީ ސަރުކާރާ ދެކޮޅު މީހަކު މަރައިލި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ


ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާ ދެކޮޅު ސިޔާސީ ލީޑަރެއް ކަމުގައިވާ މަނީޢާ އަލްޔާމީ މަރައިލާފައިވާ ކަމުގައި ނޭޝަނަލް އެސެމްބްލީ ޕާޓީ (ނާސް) އިން ބުނެފިއެވެ. ސަޢޫދީ ސަރުކާރާ ދެކޮޅު ގުރޫޕެއް ކަމުގައިވާ ނާސްއިން ބުނީ، ޔާމީ މަރައިލާފައިވަނީ ލުބުނާނުގައި އޭނާ ދިރިއުޅެމުންދިޔަ ގޭގައި ކަމުގައެވެ. ނާސްއަކީ، ސަޢޫދީ ޢަރަބިއްޔާ ދޫކޮށް އެހެން ޤައުމުތަކަކަށް ހިޖުރަކޮށްފައިވާ އަދި އަމިއްލައަށް އަރުވައިލެވިގެން ތިބި މީހުންގެ މައްޗަށް އެކުވެލިގެންވާ ހަރަކާތެކެވެ.

އެ ގުރޫޕުން ބުނީ، ޔާމީގެ މަރުގެ ފަހަތުގައި ގޮތްނޭނގޭ ކަންތައްތަކެއް ހުރި ކަމުގައެވެ. އަދި، ޔާމީގެ މަރުގެ ފުރިހަމަ ތަހުޤީޤެއް ހިންގުމަށް ވެސް ނާސްއިން ވަނީ ގޮވައިލާފައެވެ. އަދި، ޔާމީގެ މަރުގެ ޒިންމާ ސަޢޫދީ ސަރުކާރުން އުފުލަން ޖެހޭ ކަމުގައި ވެސް އެ މީހުން ތުހުމަތު ކުރެއެވެ.

ލުބުނާނުގެ ދާޚިލީ ސަލާމަތީ ބާރުން ވަނީ އެ ޤައުމުގައި ދިރިއުޅެމުން ދިޔަ 42 އަހަރުގެ ސަޢޫދީ ރައްޔިތެއް މަރައިލާފައިވާ ކަމުގައި ބުނެފައެވެ. އަދި، މަރުވެފައި ވަނީ ޔާމީ ކަން ވެސް އެ ފަރާތުން ކަށަވަރު ކޮށްދިނެވެ. ޔާމީ މަރުވެފައި ވަނީ ވަޅިއަކުން ދިން ހަމަލާތަކެއްގައި ކަމަށާއި، އޭނާއަށް ހަމަލާ ދިނީ އޭނާގެ އެއްބަނޑު އެއްބަފާ ދެ ބެއިން ކަމުގައި ވެސް ލުބުނާނުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ޔާމީގެ ދެބެއިން ހައްޔަރުކޮށްފައިވާ ކަމަށާއި، ޔާމީ މަރައިލުމުގެ ކުށަށް އެ ދެ މީހުން އިޢުތިރާފު ވެފައިވާ ކަމުގައި ވެސް ލުބުނާނުގެ އޮފިޝަލުން ބުނެއެވެ. މި ހާދިސާއާ ގުޅިގެން ލުބުނާނުގައި ހުންނަވާ ސަޢޫދީ ސަފީރު ވަލީދު އަލްބުޚާރީ ވަނީ، ޔާމީގެ މަރާ ގުޅިގެން ވަރަށް ފުރިހަމަ ތަހުޤީޤެއް ހިންގައި، އޭނާގެ ޤަތުލުގައި ބައިވެރިވެފައިވާ ދެ މީހުން ހައްޔަރު ކުރުމުން ލުބުނާނަށް ތަޢުރީފު ކުރައްވާފައެވެ.

ޔާމީ ސަޢޫދީ ޢަރަބިއްޔާ ދޫކޮށް ލުބުނާނަށް ހިޖުރަކުރީ 2015 ވަނަ އަހަރެވެ. އޭނާއަކީ ނާސް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައިވާ މީހެކެވެ. އެ ގުރޫޕަކީ ސަޢޫދީ ޢަރަބިއްޔާގައި އިންތިޚާބުކޮށްފައިވާ ޤާނޫނު ހަދާ މަޖިލީހެއް އެކުލަވައިލުމާއި، ރައްޔިތުނަށް ޤާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހައްޤުތައް އިތުރަށް ފުޅާ ކުރުމަށް ވަކާލާތު ކުރާ ގުރޫޕެކެވެ.