ޚަބަރު

ސްޕެއިންގައި އަނެއްކާ ވެސް ފިނިހޫނުމިން އިންތިހާއަށް މައްޗަށް


ސްޕެއިންގެ ހުޅަނގާއި ދެކުނުގެ ސަރަޙައްދުތަކުގައި ފިނިހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފިއެވެ. ހޫނު ގަދަވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ދެކުނުގައި ސެވިއްޔާ އަދި ހުޅަނގުގެ ސަރަޙައްދެއް ކަމުގައިވާ ބަޑަޔޯޒަށެވެ. އެ ދެ ރަށުގައި ފިނިހޫނުމިން ވަނީ 43 ޑިގްރީ ސެލްސިއެސްއަށް މައްޗަށް އަރާފައެވެ.

މިއީ، މި އަހަރުގެ ތެރޭގައި ސްޕެއިނަށް ކުރިމަތިވި މި ފަދަ ދެ ވަނަ ހޫނުގެ ތޫފާނެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާއިން ބުނީ ފިނިހޫނުމިން މިހާ މައްޗަށް އުފުލިފައި މި ވަނީ އުޑުމަތި ސާފުވެ ގަދައަށް އަވިދިނުމުގެ އިތުރުން އެފްރިކާ ބައްރުގެ އުތުރުގައިވާ ސަރަޙައްދުތަކުގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކަމުގައެވެ.

ހުސްވި ޖޫން މަހު ވެސް ސްޕެއިންގެ ގިނަ ހިސާބުތަކެއްގައި ފިނިހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް ދިޔައެވެ. މި ގޮތުން، ބައެއް ސަރަޙައްދުތަކުގައި 40 ޑިގްރީ ސެލްސިއެސްގައި ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވާއިރު، މިއީ 1981 ވަނަ އަހަރަށް ފަހު އެ ޤައުމުގައި ފިނިހޫނުމިން މިހާވަރަށް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.