ކުޅިވަރު

އީގަލްސް ބަލިކޮށް ޓީސީން މަގާމު ދަމަހައްޓައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ތާވަލުގެ ތިންވަނައިގައި ހަމަޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މިއީ އީގަލްސްގެ ކޯޗުކަމާ މުހައްމަދު އާތިފް (އާތީ) ހަވާލުވިފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ މި ފަހަރު ލީގުގައި ޓީސީން އީގަލްސް ބަލިކުރި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޓީސީން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މިއީ ޓީސީގެ މިސްރުގެ ފޯވާޑް އޮމަރު ސަލާހު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް، އީގަލްސްގެ ޑިފެންޑަރު އަޙްމަދު ނޫމާން (ހެލްމެޓް) ގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރަން އީގަލްސްގެ އަޙްމަދު މަދު ރިޒްވާން (ރިޒޭ) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ޓީސީގެ ސްރީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާގެ އަތަށެވެ.

މި މެޗުގެ ދެވަަނަ ހާފުގެ ކުޅުން ފަށައިގެން ފަސްވަނަ މިނެޓުގައި އީގަލްސް އަށް ނަތީޖާ ހަމަަހަމަކުރަން ފެނަލްޓީއެއް ލިބިފައެވެ. އެކަމަކު އެ ޓީމުގެ ރިޒޭ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސްދަނޑި މަތިންނެވެ. މިއީ އޭރިއާތެރެއިން އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އަށް ޓީސީގެ ޑިފެންޑަރު މުޙައްމަދު އަޖުފާން ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މެޗުގެ 81 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އީގަލްސްގެ ހަންނަ ފޮނުވލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި އަމާޒުވީ ގޯލްކީޕަރު ސުޖަން އަތަށެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޓީސީގެ އަޖުފާން ހެދި ގޯހެއްގެ ފައިދާ ނަގައި ރިޒޭ ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި މޮޅާއެކު ޓީސީ ތާވަލުގެ ތިންވަަނައިގައި އޮތީ ކުޅުނު 17 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 16 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. އަދި އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.