ފޯމިއުލާ ވަން ކާރު ރޭސް ސީޒަނުގައި ހިމެނޭ އޮސްޓްރިއަން ގްރޯން ޕްރީ، ފެރާރީގެ ޗާލްސް ލެކްލާކް ކާމިޔާބުކޮށްފިއެވެ.
އޭނާ މި ރޭސް ކާމިޔާބުކޮށްފައިވަނީ ކުރިން ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކުއެވެ. މިރޭހުގައި ލެކްލާކް ވަނީ ޗެމްޕިއަންޝިޕަށް އޭނާއާ ވާދަކުރާ އެންމެފަހުގެ ޗެމްޕިއަން ރެޑްބުލްގެ މެކްސް ވާސްޓަޕެން ކައިރިން ތިންފަހަރަށް ކުރި އަރާފައެވެ.
މިރޭހުގައި ފެރާރީގެ ދެވަނަ ދުއްވުންތެރިޔާ ކާލޯސް ސެއިންޒަށް ދެވަނައިގައި އޮވެ ނިންމާލެވޭނެ ކަމަށް ހީކުރި ނަމަވެސް، ރޭސް ނިމެން 14 ބުރަށް ވެފައިވަނިކޮށް އޭނާގެ ކާރުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އޭނާއަށް ޖެހުނީ ރިޓަޔާ ކުރާށެވެ. ފަހު 10 ބުރުގައި ވާސްޓަޕެންގެ ފަރާތުން ލެކްލާކަށް ވަރަށް ބޮޑަށް ބާރު ބޮޑުވެގެން ދިޔަ ނަމަވެސް، އޭނާ ވަނީ އެކަމާ ކެރިގެން ކުރިމަތިލައި، އެގޮތުގައި އޮވެ ރޭސް ކާމިޔާބުކޮށްފައެވެ.
މި ރޭހުން ދެވަނަ ވާސްޓަޕެންއަށް ލިބިގެންދިޔައިރު، ތިންވަނަ މަގާމު ހޯދީ މާސިޑީޒްގެ ތަޖުރިބާކާރު ދުއްވުންތެރިޔާ ލުއިސް ހެމިލްޓަންއެވެ. މިކަމިޔާބީއާއެކު ލެކްލާކް މިހާރު ވަނީ ޕޮއިންޓް ތާވަލުގައި ވާސްޓަޕެންއާ ދެމެދުގައިވާ ފަރަގު 38 ޕޮއިންޓަށް ކުޑަ ކޮށްފައެވެ. އަދި މިއާއެކު އަނެއްކާވެސް ޗެމްޕިއަންޝިޕަށް ވާދަކުރުމުގެ ފުރުސަތު މިވަނީ ލެކްލާކަށް އާވެގެން ގޮސްފައެވެ.