ޚަބަރު

"ބޮންބޭ ވެލްވެޓް" އިން ރަންވީރަށް ޖާގަ ނުލިބުނު ސަބަބު ކިޔައިދީފި


ކަރަން ޖޯހަރުގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ 7 ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ މެހުމާނުންނަކީ ކަރަންގެ "ރޮކޯ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ ދެ ތަރިން ކަމުގައިވާ ރަންވީރު ސިންގާއި އާލިއާ ބަޓްއެވެ.

ޝޯގެ އައު ސެގްމެންޓެއްކަމަށްވާ "ކޮފީ ބިންގޯ"ގައި ތަރިންނާއި ބެހޭގޮތުން އިވިފައިވާ އެކި ކަހަލަ ސްޓޭޓެމެންޓުތައް ނަގައި އެއީ ތެދުތޯ އެ ތަރިއަކާއި ސުވާލުކުރެއެވެ. މިގޮތުން ރަންވީރާއި ކުރެވުނު އެއް ސުވާލަކީ ފިލްމެއްގެ ރޯލަކުން ބޭރުކޮށްލިތޯ ކުރި ސުވާލެވެ.

އެ ވާހަކަތައް ދައްކަމުން ރަންވީރު ބޭރުކޮށްލި ފިލްމަކީ "ބޮމްބޭ ވެލްވެޓް" ތޯ ކަރަން ސުވާލުކުރެއެވެ. ރަންވީރު ޖަވާބުގައި ބުނީ އެ ފިލްމުން އޭނާ ބޭރުކޮށްލީކީ ނޫންކަމަށާއި އެ ދުވަސްކޮޅު އޭނާގެ ސްޓާ ވެލިއު އެހާ މަތި ނުވުމުން ފިލްމަށް ދޭނެ ބަޖެޓެއް ނޭގުނީ ކަމަށެވެ. އެކަމާއި ހެދި އޭނާގެ ބަދަލުގައި ފަހުން ރަންބީރު ކަޕޫރު އެ ރޯލަށް ނެގީކަމަށެވެ.

ނަމަވެސް މީގެކުރިން 2020 ވަނަ އަހަރު އަނޫރާގް ބުނެފައިވަނީ "ބޮމްބޭ ވެލްވެޓް" އަށް ރަންވީރު ނަގަން އުޅުމުން އޭނާގެ ޓީމުގެ އެއްވެސް މީހަކު އެކަމާއި ޤަބޫލެއް ނުވިކަމަށެވެ. އަދި އެ ފިލްމު ހަދަން އެއްވެސް ލާރިއެއްވެސް ޚަރަދު ނުކުރާނެ ކަމަށް ޓީމުން ބުނިކަމަށް އަނޫރާގު އޭރު ބުނެފައިވެއެވެ.

2015 ވަނަ އަހަރު ރިލީޒްކުރި "ބޮމްބޭ ވެލްވެޓް" ގެ ލީޑްރޯލުން ފެނުނީ އަނުޝްކާ ޝަރުމާ އާއި ކަރަން ޖޯހަރެވެ. މީގެ ސަޕޯޓިންގް ރޯލުތަކުން ފެނުނު ތަރިންނަކީ ކޭކޭ މެނަން، މަނީޝް ޗައުދަރީ، ވިވާން ޝާހު އަދި ސިދާތް ބާސޫ އެވެ.