ޚަބަރު

ދޮނެޓްސްކްގެ އެޕާޓްމަންޓަކަށް ހަމަލާދީ 15 މީހުން މަރާލައިފި


ޔޫކްރެއިންގެ ދޮނެޓްސްކް ސަރަޙައްދުގައި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތަކަށް ރަޝިޔާގެ އަސްކަރިއްޔާއިން ދިން ރޮކެޓް ހަމަލާއެއްގައި ޢާންމުންގެ 15 މީހުން މަރުވެއްޖެއެވެ. ޗެސިވް ޔާރުގައި ހުންނަ ފަސް ބުރީގެ ޢިމާރާތަކަށް އަމާޒުކޮށް ރަޝިޔާ ސިފައިން ދިން މި ހަމަލާގައި ޢިމާރާތުގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ. އަދި، ވެއްޓިފައިވާ ބައިތަކުގެ ދަށުވެ 24 ވަރަކަށް މީހުން ބަންދުވެފައިވާ ކަމަށް އެ ރަށުގެ އޮފިޝަލުން ބުނެއެވެ.

އެ މީހުން ސަލާމަތް ކުރުމަށް ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ. ޢިމާރާތުގައި ދިރިއުޅޭ ރައްޔިތެއް ބުނީ، ޖުމުލަ ތިން މިސައިލް ހަމަލާ ޢިމާރާތަށް އަރާފައިވާ ކަމުގައެވެ. އަދި، ފުރަތަމަ ހަމަލާ އަރާފައި ވަނީ ޢިމާރާތުގެ ބަދިގެ ހުންނަ ހިސާބަށް ކަމަށާއި، އެ ހަމަލާ އެރުމާއެކު އެންމެން ބިންގަރާހަށް ގޮސް ރައްކާތެރިކަން ހޯދި ކަމުގައެވެ. އަދި، އިރު އަރަންދެން އެ މީހުން ބިންގަރާހުގައި ފިލައި ތިބި ކަމަށް އޭނާ ބުންޏެވެ.

އެ ޢިމާރާތުގެ ދަށުގައި ބަންދުވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމަށް މިހާރު ވެސް 99 ޓަނުގެ ކުނި ނަގައި ސާފުކޮށްފައިވާ ކަމަށް ދޮނެޓްސްކުގެ ގަވަރުނަރު ޕަވްލޯ ކިރިލެންކޯ ވިދާޅުވިއެވެ. ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އަންދްރޭ ޔަރްމަކް ވަނީ، މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި، މިހާރު ރަޝިޔާއަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ރަޝިޔާއިން ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނީ ޔޫކްރެއިނުގެ އަސްކަރިއްޔާއިން ހަތިޔާރު ރައްކާކޮށްފައި ހުރި ތަންތަނަށް ހަމަލާ ދެމުންދާ ކަމުގައެވެ. އަދި، އެމެރިކާއިން ޔޫކްރެއިނަށް ފޮނުވާފައިވާ ހޮވިޓްޒަރ ބަޑިތަކެއް ރައްކާކޮށްފައި ހުރި ތަނަކަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމުގައި ރަޝިޔާއިން ބުނެއެވެ.

މީގެ އިތުރުން ދޮނެޓްސްކުގެ ސްލޮވިއަންސްކަށް ވެސް ރަޝިޔާ ސިފައިން ދަނީ ވަރުގަދަ ހަމަލާތަކެއް އަމާޒު ކުރަމުންނެވެ. އަދި، އުތުރުގައިވާ ޚާކީވަށް ކްރޫޒް މިސައިލް ހަމަލާތަކެއް އަމާޒުކޮށްފައިވާ ކަމަށް ވެސް ޔޫކްރެއިނުން ބުނެއެވެ. އެ ޤައުމުގެ އުތުރުގައިވާ ދޮންބެސް ރީޖަން އެކުވެލިވެންވާ ލުހާންސްކާއި ދޮކެޓްސްކުގެ ގިނަ ސަރަޙައްދުތަކެއް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައެވެ.
އެ ސަރަޙައްދުތައް މިނިވަން ކުރުމަށް ޔޫކްރެއިނުގެ ސިފައިން ކުރަމުންދާ މަސައްކަތްތައް ވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. މި ގޮތުން، ދޮނެޓްސްކުގައި ރަޝިޔާ ސިފައިން ހަރަކާތްތެރިވަމުން ދިޔަ ސަރަޙައްދަކަށް ޔޫކްރެއިން ސިފައިން ދިން އާޓިލަރީ ބަޑީގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވި ކަމަށް ރަޝިޔާގެ ނޫހަކުން ބުންޏެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަމިއްލަ ޤައުމުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ޔޫކްރެއިނުގެ ސިފައިންނަށް ހުޅަނގުގެ ބާރުތަކުން ދަނީ މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަދި، ރަޝިޔާގެ ހަނގުރާމަ ކުށްވެރިކޮށް ހުޅަނގުގެ ބާރުތަކުން ވަނީ އެ ޤައުމާ ދެކޮޅަށް ހަރުކަށި ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މިއީ ޔޫކްރެއިނުގެ ސަރުކާރުން ވެސް ބޭނުންވާ ގޮތެވެ. ނަމަވެސް، ދާދި ފަހުން ކެނެޑާގެ ސަރުކާރުން މި ވަނީ ރަޝިޔާގެ ތެޔޮ އުފައްދާ ކުންފުންޏެއް ކަމުގައިވާ ގެޒްޕްރޮމްއިން ބޭނުން ކުރާ ޓަރބައިންއެއް ހަލާކުވުމުން އޭތި މަރާމާތުކޮށް ދިނުމަށް ފަހު އަނބުރާ އެ ޤައުމަށް ފޮނުވާނެ ކަމަށް ބުނެފައެވެ.

ޔޫކްރެއިނުގެ ސަރުކާރުން ވަނީ ކެނެޑާގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް، ފާޑު ކިޔުންތައް އަމާޒުކޮށްފައެވެ. އަދި، ޔޫކްރެއިނުގެ ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ކެނެޑާގެ ނިންމުން ބަދަލު ކުރުމަށް އެ ޤައުމަށް ގޮވައިލާފައެވެ.