ޚަބަރު

ރައީސާއި ބޮޑުވަޒީރު އިސްތިޢުދާ ނުދެއްވަނީސް މުޒާހަރާ ނުނިންމާނެކަމަށް ބުނެފި


ސްރީލަންކާގެ ރައީސް ގޮތާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިޢުފާ ނުދެއްވަނީސް، ސަރުކާރާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތައް ހުއްޓައި ނުލާނެ ކަމުގައި މުޒާހަރާ ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފިއެވެ. މުޒާހަރާގެ ބައިވެރިންވަނީ ރައީސާއި ބޮޑުވަޒީރުގެ ގެކޮޅާއި އޮފީހަށް ވަދެ އެ ތަންތަން ހިސާރުކޮށްފައެވެ.

އަދި، އެ މީހުން ދަނީ ރައީސާއި ބޮޑުވަޒީރުގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ. ސްރީލަންކާއަށް މި ވަގުތު ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ދަތި ހާލަކީ، އެ ދެ މީހުންގެ ނާގާބިލު ކަމުން ކުރިމަތިވި ހާލަތެއް ކަމުގައި ގިނަ އަދަދެއްގެ ބަޔަކު ޤަބޫލު ކުރެއެވެ.
މި ކަމާ ގުޅިގެން ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ، ރައީސް ރާޖަޕަކްސަ މި މަހުގެ 13 ވަނަ ދުވަހު އިސްތިޢުފާ ދެއްވާނެ ކަން އިޢުލާނު ކުރައްވާފައެވެ. އަދި، ބޮޑުވަޒީރު ވިކްރަމަސިންހަ ވެސް އިސްތިޢުފާ ދެއްވައި، ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމަށް ޖާގަ ދެއްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް، ހުކުރު ދުވަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ސްރީލަންކާގެ ހާލަތާ ގުޅޭ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ، ސްރީލަންކާގެ ވެރިކަމާ ދެން ހަވާލުވާ ސަރުކާރަކުން ވަރަށް ހަލުވި އަދި ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމުގައެވެ. އަދި، ވަކި ސިޔާސީ ޕާޓީއަކަށް ފައިދާވާ ގޮތަށް އަމަލު ނުކޮށް، މުޅި ޤައުމުގެ މަސްލަޙަތު އިސްކޮށްގެން މަސައްކަތް ކުރުމަށް އޭނާ ވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ގޮވައިލައްވާފައެވެ.

އިންޑިޔާއިން ވެސް ބުނީ، ސްރީލަންކާގެ ހާލަތު ބަދަލުވަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. ސްރީލަންކާއަށް ކުރިމަތިވި ދަތި ހާލަތުގައި އިންޑިޔާއިން ވަނީ އެ ޤައުމަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ. މި ގޮތުން، އިންޑިޔާއިން ފޯރުކޮށްދީފައިވާ އެހީގެ އަގު 3.8 ބިލިޔަން ޑޮލަރަށް އަރައެވެ.

ސްރީލަންކާގައި އަމަންއަމާންކަން ގެއްލުމުގެ ކުރިން ބައިނަލްއަޤްވާމީ މާލީ އިދާރާ (އައި.އެމް.އެފް) އިން ދިޔައީ އެ ޤައުމަށް 3 ބިލިޔަން ޑޮލަރުގެ މާލީ އެހީގެ ޕެކޭޖެއް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. ހަމަނުޖެހުންތަކާ ގުޅިގެން މި މަޝްވަރާތަކަށް ހުރަސް އެޅިފައި ވީ ނަމަވެސް، އަމަންއަމާންކަން ޤާއިމުކޮށް، މަޝްވަރާތައް އަލުން ފެށޭނެ ކަމަށް އުންމީދު ކުރާ ކަމުގައި އައި.އެމް.އެފް.އިން ބުނެއެވެ.

މުޒާހަރާތައް ފެށުމުގެ ކުރިން ރާޖަޕަކްސް ވަނީ ފިއްލަވާފައެވެ. އަދި، އިސްތިޢުފާ ދޭން ނިންމެވި ކަން އިޢުލާނު ކުރެއްވުން ފިޔަވައި، ޤައުމުގެ ހާލަތާ ގުޅޭ ގޮތުން އިތުރު ވާހަކަފުޅެއް ދައްކަވާފައެއް ނެތެވެ. ބޮޑުވަޒީރު ވިކްރަމަސިންހަގެ އޮފީހުން ވެސް ހަމައެކަނި ބުނެފައި ވަނީ އޭނާ ވެސް އިސްތިޢުފާ ދެއްވާނެ ކަމުގައެވެ.