ޚަބަރު

ޒެލެންސްކީގެ ސަފީރުންތަކެއް ވަކިކޮށްފި


ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ އޭނާގެ ސަރުކާރުގެ ނުފޫޒު ގަދަ އިސް ސަފީރުންތަކެއް މަޤާމުން ވަކިކޮށްފިއެވެ. ޒެލެންސްކީ ވިދާޅުވީ ޔޫކުރެއިނުން ޖަރުމަނުވިލާތާއި، އިންޑިޔާއާއި، ޗެކް ރިޕަބްލިކާއި، ނޯވޭ އަދި ހަންގެރީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުން މަޤާމުން ވަކިކޮށްފައިވާ ކަމުގައެވެ.

މީގެ ތެރެއިން ޖަރުމަނު ވިލާތުގައި ހުންނަވާ ޔޫކްރެއިނުގެ ސަފީރަކީ ބަސްވިކޭ، ނުފޫޒު ގަދަ ބޭފުޅެކެވެ. 46 އަހަރުގެ އަންދްރޭ މެލްނިކަކީ ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ބާރު އެޅުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާފައިވާ އެއް ބޭފުޅާއެވެ.

މި ބޭފުޅުން މަޤާމުން ދުރު ކުރުމާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވީ، އެ މަޤާމުތަކަށް އައު ސަފީރުން ޢައްޔަން ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމުގައެވެ. ސަފީރުން މަޤާމުން ވަކިކޮށްފައިވާ ހަޤީޤީ ސަބަބު ސާފުވެފައި ނުވި ނަމަވެސް، ޒެލެންސްކީ ވިދާޅުވީ މި ގޮތަށް ސަފީރުން ރޮޓޭޓް ކުރުން ނުވަތަ ބަދަލު ކުރުމަކީ ޢާންމުކޮށް ޚާރިޖިއްޔާތަކުން ކުރާ ކަމެއް ކަމުގައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމާ އެކު ޒެލެންސްކީ ވަނީ އެ ޤައުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރުމަށް ސަފީރުންނަށް އަންގަވާފައެވެ. އެ ޤައުމަށް ހަތިޔާރު ފޮނުވުމަކީ ޖަރުމަނު ވިލާތުގެ ޗާންސެލަރ އޮލާފް ޝޮލްޒް އެންމެ ފުރަތަމަ ދެކޮޅު ހައްދަވާފައިވާ ކަމެކެވެ. އަދި، މި ކަމާ ގުޅިގެން މެލްނިކަކީ ވަނީ ޝޯލާފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އޭނާގެ ސިފައިން ޔޫކްރެއިނަށް ފޮނުވާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި، އެއަށްފަހު އެ ޤައުމުގެ އިރުމަތީގެ ގިނަ ސަރަޙައްދުތަކަކަށް ވަނީ އަތްގަދަކޮށްފައެވެ. މީގެ ތެރޭގައި ދޮންބެސްގެ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ދޮނެޓްސްކްގެ ގިނަ ރަށްތައް ހިމެނެއެވެ.

ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ރަޝިޔާގެ ރިޒާވް ސިފައިންގެ އިތުރު ފައުޖުތަކެއް އެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކޮށް، ތައްޔާރީ ހާލަތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އިނގިރޭސި ވިލާތުން ބުނެއެވެ.