ޚަބަރު

2011ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އަސަދު ޙަލަބަށް


ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ޙަލަބަށް ވަޑައިގަންނަވައި، އެ ރަށުގައި އަޟްހާ ޢީދު ފާހަގަ ކުރުމަށް ބޭއްވި އިހުތިފާލުތަކުގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. 2011 ވަނަ އަހަރުގެ މާރިޗު މަހު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމަށްފަހު އަހަރެއްހާ ދުވަހުގެ ތެރޭގައި ޙަލަބު ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށަށް ވެއްޓިފައެވެ.

މިއީ ހަނގުރާމަ ފެށި ފަހުން އަސަދު ޙަލަބަށް ކުރައްވާ ފުރަތަމަ ޒިޔާރާތެވެ. ސޫރިޔާގެ ރަސްމީ ޚަބަރު ފަތުރާ ސަނާއިން ބުނީ، ޙަލަބުގެ އިބްނު ޢައްބާސް މިސްކިތުގައި ބޭއްވި އަޟްހާ ޢީދު ނަމާދުގައި އަސަދު ބައިވެރިވެ ވަޑައިގެންނެވި ކަމުގައެވެ. އެއަށްފަހު ޙަލަބުގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރެއްވި ކަމަށާއި، ކަރަންޓު ހަކަތަ އުފައްދާ ޕްލާންޓެއް ހުޅުވައިދެއްވި ކަމުގައި ވެސް ސަނާއިން ބުނެއެވެ.

ހަނގުރާމައިގެ ކުރިން ޙަލަބަކީ ހަކަތަ އުފެއްދުމުގައި ސޫރިޔާގެ މައި އެއް މަރުކަޒެވެ. ޙަލަބަށް ހަނގުރާމަ ފެތުރުމުގެ ކުރިން އެ ސިޓީން ދިޔައީ 1,000 މެގަވޮޓުގެ ކަރަންޓު އުފައްދަމުންނެވެ. ރަޝިޔާގެ އަސްކަރީ އެހީތެރިކަމާ އެކު އަސަދުގެ ފައުޖުތަކުން ޙަލަބު އަލުން ހިފާފައި ވަނީ 2016 ވަނަ އަހަރެވެ.

ޙަލަބަކީ އާސާރީ އަދި ތަރިކައިގެ ގޮތުން ބަލާ އިރުވެސް ވަރަށް ތާރީޚީ ރަށެކެވެ. ނަމަވެސް، ދާޚިލީ ހަނގުރާމައިގައި ޙަލަބުގެ ދުވަސްވީ ޢިމާރާތްތަކާއި ބިނާތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.