ޚަބަރު

ޕާކިސްތާނުގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ


ޕާކިސްތާނުގެ ދެކުނުގައިވާ ބަލޮޗިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 57އަށް އަރައިފިއެވެ. މޫސުމީ ވިއްސާރައިގައި ޕާކިސްތާނުގެ ދެކުނުގެ ގިނަ ސަރަޙައްދުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ބަލޮޗިސްތާން ޕުރޮވިންސުގެ ގިނަ ސަރަޙައްދުތަކެއްގައި ފެން ބޮޑުވެފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ކުއްލިއަކަށް ފެންބޮޑުވުމާ ގުޅިގެން ފެންގަނޑާއެކު ދަމައިގަނެގެން ގެންދިޔަ މީހުން ކަމުގައި ބައލޮޗިސްތާނުގެ އޮފިޝަލުން ބުނެއެވެ.

ފެންބޮޑުވުމާ އެކު ބަލޮޗިސްތާނުގެ ކޯރުތަކާއި ގޭމްތައް ވަނީ ފުރިގެން ބަނޑުންވެފައެވެ. ފެންބޮޑުވުމާ ގުޅިގެން އެތައް ސަތޭކަ ޢާއިލާއެއް ގެދޮރު ނެތި ހާލުގައި ޖެހިފައިވާ އިރު، އެ މީހުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ އަސަރު އެ ޤައުމުގެ ހުޅަނގު އުތުރުގެ ސަރަޙައްދުތަކަށް ވެސް ވަނީ ކޮށްފައެވެ. ޚައިބަރ ޕަޚުތުންޚުވާގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ދެ މީހުން މަރުވިއެވެ. މީގެ ތެރެގައި ހަ އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ. ވިއްސާރައިގެ އަސަރު ކޮށްގެން ޕާކިސްތާނުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ކަރާޗީގެ ގިނަ ސަރަޙައްދެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ.